ދުނިޔޭގެ ވިޔަފާރި

އިލެކްޓްރިކް ވެހިކަލް އުފައްދަން މާސޭޑީޒްއިން ބޮޑު ހޭދައެއް ކުރަނީ


އިލެކްޓްރިކް ވެހިކަލް، އީވީ އުފައްދަން ފަށަން ތައްޔާރުވުމުގެ ގޮތުން ކުރިއަށް އޮތް އަހަރުތަކުގައި ޗައިނާ، ޖަރުމަނުވިލާތް އަދި ހަންގޭރީގައި ހުރި ކާރުހާނާތައް ޒަމާނީ ކުރުމަށް ޖަރުމަނުވިލާތުގެ ވެހިކަލް އުފައްދާ ކުންފުނި، މަސޭޑީޒް ބެންޒް އިން ބޮޑު އިންވެސްޓްމަންޓެއް ކުރާނެކަމަށް މެގަޒިންއޮޓޯމޮބިލްވޮޗޭއިން ރިޕޯޓްކޮށްފިއެވެ.

2020 ވަނަ އަހަރާއި އަޅާބަލާއިރު ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ޕެސެންޖަރ ކާރެއްގެ ލައިފް ސައިކަލްގައި ކާންބަންޑައި އޮކްސައިޑް ދޫކުރާ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދުކުރުމަށް ޔޫރަޕް އިއްތިހާދު، އީޔޫއިން ވަނީ އަމާޒު ކަނޑައަޅާފައެވެ.

އީޔޫއިން މިގޮތަށް އަމާޒު ކަނޑައަޅާފައި ވަނީ 2035 ވަނަ އަހަރުގެ ނިޔަލަށް ފޮސިލް ފިއުލް ކާރު ވިއްކުން މަނާކުރާ އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާތީއެވެ. މަސޭޑީޒްއިން ބުނިގޮތުގައި މި ގަރުނު ނިމޭ ހިސާބުގައި އެ ކުންފުނީގެ އުފެއްދުންތައް އިލްކެޓްރިކް ވެހިކަލްއަށް މުޅިން ބަދަލުކުރާނެއެވެ.

ކުރިއަށް އޮތް މަސްތަކުގައި ރާސްޓަޓް ކާރުހާނާގެ މަސައްކަތް ފަށާއިރު، 2024 ވަނަ އަހަރުން ފެށިގެން ކޮމްޕެކްޓް ވެހިކަލް ޕްލެޓްފޯމް އެމްއެމްއޭގެ ފުރަތަމަ މޮޑެލް އުފައްދާނެ ކަމަށާއި އެތަނުގައި އުފައްދާ މޮޑެލްގެ އަދަދު ހަތް މޮޑެލްއިން ހަތަރަކަށް ކުޑަކުރާނެކަމަށްވެސް ބާޒާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖަރުމަނުވިލާތުގައި ހުންނަ ސިންޑެލްފިންގޭން، ބްރޭމަން އަދި ރާސްޓަޓް ކާރުހާނާތަކުގައި ހުންނަ ޕެއިންޓިންގ ސިސްޓަމްތައް ޒަމާނީ ކުރުމަށްވެސް 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ އަދަދެއް އިންވެސްޓް ކުރާނެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކާރުހާނާތައް ޒަމާނީކުރުމުގެ މަގުސަދަކީ ހަކަތައާއި ފެން ބޭނުންކުރުން މަދުކުރުމާއި، ޕެއިންޓިންގ ސިސްޓަމް ގޭހަށް ބަރޯސާވުން ކުޑަކުރުމެވެ.

މިދިޔަ އަހަރުގެ އިންފްލޭޝަން ދަށްކުރުމުގެ ގާނޫނުގެ ދަށުން އެމެރިކާ ސަރުކާރުން ދޭ ސަބްސިޑީތަކުގެ ފައިދާ ލިބޭނެ ޓާސްކަލޫސާގައި ހުންނަ އެމެރިކާގެ ކާރުހާނާ ފުޅާކުރުމަށްވެސް މަސޭޑީޒްއިން އަންނަނީ ވިސްނަމުންނެވެ.