ޚަބަރު

ޤުރުއާނުގެ ހިޔަލުގައި ހޭދަކުރުމަށް ރޯދަމަހު ލިބޭ ރަނުގު ފުރުޞަތުގެ ބޭނުން ހިފުމަށް ރައީސް ގޮވާލައްވައިފި


ކީރިތި ޤުރުއާނުގެ ހިޔަލުގައި ހޭދަކުރުމަށް ރޯދަމަހު ލިބޭ ރަނުގު ފުރުޞަތުގެ ބޭނުން ހިފައިގެން، ދީނީ އަދި އަޚްލާޤީ ރީތި އާދަތަކުގެ މަތީގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ދިވެހިރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސްކުރައްވާފައިވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފަޚުރުވެރި ވަނަތައް ޙާޞިލުކުރި 3 ދަރިވަރުންނަކީވެސް އުމުރުން ވަރަށް ހަގު ދަރިވަރުންކަން ފާހަގަކުރައްވާ މިހާ ކުޑަކުދިންކޮޅެއް، މިފަދަ ޤައުމީ މުބާރާތެއްގެ އެންމެ މަތީ ވަނަތައް ޙާޞިލުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔެވުމާއި ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދޭނެ ވަރަށް މުޤައްދަސް އަޅުކަމެއްކަން ފާހަގަކުރައްވައި އެކަމުގައި ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ވަރަށް ރީތި ރާގުތަކަށް، އަދި ތަޖުވީދުގެ ހަމަތަކަށް ޤުރްއާން ކިޔަވާ ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަރަށް ގިނައިން އެބަތިއްބެވިކަމަށެވެ. އަދި ހުރިހާ ޢުމުރުފުރައެއްގައިވެސް، ޝައުޤުވެރިކަމާ އެކު އެކަން ދަސްކުރައްވަން މަސައްކަތް ކުރައްވާ، ވަރަށް ގިނަ ބޭފުޅުން ތިއްބެވިކަމަށާއި، ކީރިތި ޤުރްއާން އުނގެނުމަށް ފަހު، އެހެން މީހުންނަށް އުންގަންނައިދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅުންވެސް ގިނަކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި ގިނަ ޢަދަދެއްގެ ޙާފިޡުން ތިއްބެވިނަމަވެސް ޙާފިޡުންގެ ގޮތުގައި ދެމިތިއްބެވުމަށް ކުރެވޭ މަސައްކަތް އަދިވެސް މަދުކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ރޯދަ މަހު ތަރާވީޙް ނަމާދުކުރުމަށް ބޭރުގެ ޙާފިޡުން ގިނަ ޢަދަދަކަށް ގެންނަންޖެހޭކަމީ ވެސް ކަމާބެހޭ ފަރާތްތަކުން ވިސްނާލުން މުހިންމުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޙާފިޡަކަށްވުމަށް ފަހު، ޙާފިޡެއްގެ ގޮތުގައި ދެމިހުރުމަށް ކުރެވޭ މަސައްކަތް ތަންކޮޅެއް ދަށްކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ރޯދަ މަހު ތަރާވީޙް ނަމާދުކުރުމަށް ބޭރުގެ ޙާފިޡުން ގެންނަންޖެހޭ ޢަދަދުން އަޅުގަނޑުމެންނަށް އެކަން ފާހަގަވެގެންދޭ. ކޯވިޑުގެ ދެ އަހަރު ނޫނިއްޔާ، ކޮންމެ އަހަރަކުވެސް 200 އަށްވުރެ ގިނަ ޙާފިޡުން ރާއްޖެއަށް އެބަ ގެނެވޭ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ، އިސްލާމިކް މިނިސްޓްރީންވެސް އަދި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުންވެސް އިތުރަށް ވިސްނަވަން ރަނގަޅު ކަމެއް" ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންމެ ޅަފަތުން ފެށިގެން އަލިފުބާ ދަސްކޮށްދިނުންފަދަ ރީތި އަދި ރަނގަޅު އާދަތަކާ އެކު، ކީރިތި ޤުރްއާނާ އެކުގައި ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ކީރިތި ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ މައްޗަށް، ޒަމާނީ ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި ކުރެވޭ ދިރާސާތަކުން، އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެގެންދާނެކަން ފާހަގަކުރައްވައި ރައީސް ވަނީ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ އިސް ވެރިން، އެކަންކަމަށް ވިސްނުން ބެހެއްޓެވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

"އެކަން ކުރެވޭނީ، ކީރިތި ޤުރްއާނުގައިވާ ޢިލްމީ ދާއިރާތަކަށް އަޅުގަނޑުމެންގެ ސިކުނޑިތައް އިތުރަށް ހުޅުވައިގެން. ސްކޫލްތަކުގައި ތަޖުވީދު މަގުން ކިޔަވައިދޭ އަދި ހިތުދަސްކޮށްދޭ މާއްދާއަކަށްވުރެ، ކީރިތި ޤުރްއާނުގެ ދާއިރާ މާފުޅާ. ކީރިތި ޤުރްއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ މައްޗަށް، ޒަމާނީ ސައެންސާއި ޓެކްނޮލޮޖީގެ އަލީގައި ކުރެވޭ ދިރާސާތަކުން، އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެ ކަށަވަރުކުރެވޭނެ. މިއީ، އަޅުގަނޑުމެންގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ އިސް ވެރިން، ފުންކޮށް ވިސްނަވަންވީ ކަމެއްކަމަށް އަޅުގަނޑު ދެކެން" ރައީސް ވިދާޅުވިއެވެ.

ކީރިތި ޤުރްއާން ކިޔެވުމާއި ހިތުދަސްކުރުމުގެ މުބާރާތެއް، ސަރުކާރުން ކޮންމެ އަހަރަކު ބޭއްވުމުގެ މަޤްޞަދަކީ ކުޑަކުދިންނާއި ޒުވާނުންނާއި އަދި އެންމެންގެ ހިތްތަކުގައި، ކީރިތި ޤުރްއާނާ މެދު އިތުރަށް ލޯބި އުފައްދާ، ކީރިތި ޤުރްއާނާ މެދު ޝައުޤުވެރިކަން އިތުރުކޮށް ދީނީ ކަންކަމާ މެދު ފަރުވާތެރިކަން އިތުރުކުރުންކަމަށް ވިދާޅުވެއެވެ. އަދި މިފެށޭ ބަރަކާތްތެރި ރޯދަމަހަކީ، ކީރިތި ޤުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަން ފާހަގަކުރައްވާ، މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އަޅުގަނޑުމެންގެ ތެރޭގައި ހުރި، ދީނީ އަދި އަޚްލާޤީ ރީތި އާދަތަކުގެ މަތީގައި ދެމިތިއްބެވުމަށް ރައީސް ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔުމުގެ ބައިން 1 ވަނަ، މުބާރާތުގެ ޙާފިޒުންގެ ގޮފިން 1 ވަނަ، މުޅި މުބާރާތުގެ 3 ގޮފި އެއްކޮށް 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު އަދި 2022 ވަނަ އަހަރު ޤުރުއާން ހިތުދަސްކުރި ޙާފިޒުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.