ވިޔަފާރި

ދަމަކް ޕްރޮޕަޓީސްއިން ތަރައްޤީކުރާ ރިސޯޓުގެ މަސައްކަތް އައިމާ ކޮންސްޓްރަކްޝަންއަށް


ދަމަކް ޕްރޮޕަޓީސްއިން ތަރައްޤީކުރާ "މެންޑަރިން އޮރިއެންޓަލް ބޮލިދުއްފަރު ރީފް ރިސޯޓް" ގެ މަސައްކަތްތައް އައިމާ ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފިއެވެ. މިއީ 148 މިލިއަން ޑޮލަރުގެ މަސައްކަތެކެވެ.

މި އެއްބަސްވުމުގެ ދަށުން ދަމަކްއިން ތަރައްޤީކުރާ ރިސޯޓުގެ 120 ވިލާ އެޅުމުގެ މަސައްކަތް ވަނީ އައިމާ ކޮންސްޓްރަކްޝަންއާއި ޙަވާލުކޮށްފައެވެ. އެއީ 65 އޯވަރވޯޓަރ ވިލާއައި، 65 ބީޗް ފްރޮންޓް ވިލާއެވެ.

މި ވިލާތަކަކީ ރާއްޖޭގައި އާންމުކޮށް ހުންނަ ވިލާތަކަށްވުރެ ބޮޑެތިކޮށް އަޅާ ވިލާތަކެއްކަމަށް ދަމަކްއިން ބުނެއެވެ. އަދި މިތަންތަނުގައި ޕްރައިވެޓް ޕޫލެއްވެސް ހުންނާނެއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ދަމަކް ޕްރޮޕަޓީގެ ޕްރޮޖެކްޓްސްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ތަހައިނެ ވިދާޅުވީ، މި މަސައްކަތް އައިމާ ކޮންސްޓްރަކްޝަންއަށް ހަވާލުކުރީ އެ ކުންފުނީގެ މަސައްކަތްތަަކަށް ފުރިހަމަ އިތުބާރު އޮތުމުންކަމަށެވެ.

މި ރިސޯޓަކީ 34 ހެކްޓަރުގެ ރަށެއްގައި ތަރައްޤީކުރާ ރިސޯޓެކެވެ. މި ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުއެވެ. މި ރިސޯޓަކީ މާލެ އަތޮޅުގައި ތަރައްޤީކުރާ ރިސޯޓެކެވެ. މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރައިގެން 30 މިނެޓުން ދެވޭނެއެވެ.

ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ކުންފުނިތަކަކީ މިހާރު ބޮޑެތި ޕްރޮޖެކްޓްތައް ހިންގޭނެ ގާބިލް ކުންފުނިތަކެކެވެ. އަދި ބޮޑެތި ޕްރޮޖެކްޓްތައް އަންނަނީ ކުންފުނިތަކަށް ލިބެމުންނެވެ.