ޚަބަރު

މިހާތަނަށް 4 ލައްކަ ފަތުރުވެރިން، މިދިޔަ އަހަރަށްވުރެ %23.8 އިތުރު


އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މި މުއްދަތާއި އަޅާއިބަލާއިރު %23.8 އިތުރު ޢަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިށާބުތަކުން ދައްކާގޮތުގައި މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 440059 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 355433 ފަތުރުވެރިންނާއި އަޅާބަލާއިރު %23.8 އިތުރު ޢަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އެގޮތުން، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިއިން ރާއްޖެއަށް 54527 ފަތުރުވެރިން ވަނީ ޒިޔާރަކްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 201957 ފަތުރުވެރިންނެވެ.

ރަޝިއގެ އިތުރުން އިތުރު ޤައުމުތަކުންވެސް ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް:

• އިންޑިއާ - 47462 ފަތުރުވެރިން
• އިނގިރޭސިވިލާތް – 41126 ފަތުރުވެރިން
• އިޓަލީ - 39919 ފަތުރުވެރިން

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކޯވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަމުންދިޔަ ޤައުމުކަމުގައިވާ ޗައިނާގެ ބޯޑަރުތައް ހުޅުވާލާ އެޤައުމުންވެސް މިހާރު ރާއްޖެއަށް ފަތުރުވެރިން ވަނީ އަންނަން ފަށާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ޗައިނާއިން ރާއްޖެއަށް 12934 ފަތުރުވެރިން އައިސްފައިވާއިރު، އެޤައުމަކީ މިހާރު ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލަކު 6683 ފަތުރުވެރިން ޒިޔާރަތްކުރާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން، ނިމުނު ފެބްރުއަރީ މަހަކީ ފާއިތުވި 5 އަހަރުގެ ތެރޭގައިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ.

ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިންނެވެ. މި އަމާޒު ވަނީ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު ހާސިލްވެފައެވެ. އަދި މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.