އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ ކާރަކުން ފޭބި ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، ހުޅުމާލެ ފޭސް 2 ވިނަރެސް 1 ކައިރި ރައުންޑް އެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަމުންދާކަމަށެވެ.
ފުލުހުން ވަނީ ސޯޝަލް މީޑިއާގައި މިކަމާއި ގުޅިގެން ހޯދާ ދެމީހުން ފެންނަ ވީޑިއޯ ހިއްސާކޮށްފައެވެ. ފުލުހުން ވިދާޅުވީ އެމީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާތީ އެމީހުން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.