ދުނިޔޭގެ ވިޔަފާރި

ހުއްޓާލާފައި އޮތުމަށްފަހު ބޮއިންގއިން ޑެލިވަރީތައް ފަށައިފި


ބޯޓު ޑެލިވަރީ ކުރުން ފެބުރުއަރީ މަހު ހުއްޓާލާފައި އޮތުމަށްފަހު، އަނެއްކާވެސް އަލުން ޑެލިވަރީ ކުރަން ފަށާފައިވާ ކަމަށް މަތިންދާ ބޯޓު އުފައްދާ އެމެރިކާގެ ކުންފުނި ބޮއިންގުން ބުނެފިއެވެ.

އެގޮތުން އެ ކުންފުނީގެ ފުރަތަމަ ޑެލިވަރީގެ ގޮތުގައި ޑެލިވަރީކޮށްފައިވަނީ 787 ޑްރީމަލައިނާ އެއް ޖަރުމަނުވިލާތުގެ ލުފަތަންސާ އެއާރލައިނަށެވެ.

ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން، އެފް.އޭ.އޭ އިން މިދިޔަ މަހު ކަށަވަރުކޮށްދީފައިވާ ގޮތުގައި ބޮއިންގުން ޑެލިވަރީތައް މަޑުޖައްސާލީ ޖެޓްގެ ފޯވާޑް ޕްރެޝަރ ބަލްކޭޑާ ގުޅުން ހުރި ޑޭޓާ އެނަލިސިސް މައްސަލަތަކެއްގެ ސަބަބުންނެވެ.

އެފް.އޭ.އޭ އިން ބުނީ އެ މައްސަލަ ހައްލުވެފައިވާތީ މިހާރު އެކަމާއި ހިތްހަމަޖެހޭ ކަމަށާއި، ބޮއިންގް އިން 787 ބޯޓުތައް އަލުން ޑެލިވަރީ ކުރަން ފާސްކޮށްފައިވާ ކަމަށެވެ. ބޮއިންގުން އެމެރިކަން އެއާރލައިންސް އަށް އިތުރު 787 ބޯޓު މާގިނަ ދުވަހެއް ނުވެ ފޯރުކޮށްދޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިޑިއާތަކުން ރިޕޯޓުކުރެއެވެ.

ފްލައިޓްތަކުގެ ހިސާބުތަކުން ދައްކާ ގޮތުގައި ސީއެޓްއެލްގެ އުތުރުގައި އޮންނަ ޕެއިން ފީލްޑުން ބުދަ ދުވަހުގެ މެންދުރު ފަހު ލުފްތަންސާގެ މަތިންދާބޯޓު ވަނީ ފްރެންކްފަރޓަށް ޖައްސާފައެވެ.

ސަޢުދީގެ ދެ އެއާރލައިނަކަށް 78 ޑްރީމްލައިނަރވިއްކާނެ ކަމަށް ބޮއިންގުން އިޢުލާން ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭގެ އަގަކީ 37 ބިލިއަން އެމެރިކާ ޑޮލަރެވެ. މި ކޮންޓްރެކްޓަކީ އަގުގެ ގޮތުން އެކުންފުނީގެ 5 ވަނައަށް އެންމެ ބޮޑު އޯޑަރެވެ.

ސަޢުދީ އެއްބަސްވުމާއި، ޔުނައިޓެޑް އެއާރލައިންސް އާއި އެއާރ އިންޑިއާގެ އޯޑަރުތައް އެއްކޮށް ބޮއިންގް އަށް ފާއިތުވި 4 މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 200 ޑްރީމްލައިނަރގެ އޯޑަރު ލިބިފައިވެއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެކުންފުނިން މިހާރު ގެންގުޅޭ ދަށް ރޭޓުން 2026 ވަނަ އަހަރުގެ ނިޔަލަށް 787ގެ 10 ބޯޓު މަހަކު އުފެއްދުމުގެ އަމާޒަށް އިތުރު ކުރަން މަސައްކަތްކުރާތީ ސަޕްލައި އަށް ބުރޫއަރާފާނެއެވެ.

ބޮއިންގްގެ ސީ.އީ.އޯ ޑޭވް ކަލްހައުން ރޮއިޓަރސްއަށް ވިދާޅުވީ ގޮތުގައި 787 ބޯޓަށް އޮތް ޑިމާންޑް ބޮޑުކަމަށާއި، ބޮއިންގުން އަމާޒު ހިފާފައިވާ މިންވަރަށް ބޯޓު އުފެއްދޭނެ ކަމަށެވެ.