ޚަބަރު

ބްރިޖް އެޅުމަށް ބޭނުންވާ ސާމާނުގެންނަ ފުރަތަމަ ބޯޓް އަތުވެއްޖެ


މާލެ-ހުޅުލެއާ ދެމެދު އަޅުއްވާ ބްރިޖުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ހިފައިގެން އައި ފުރަތަމަ ބޯޓު ޗައިނާއިން މިއަދު ރާއްޖެއަށް އަތުވެއްޖެއެވެ.



މިއީ، ރާއްޖެއަށް މިހާތަނަށް މިހާ ބޮޑު ޝިޕްމަންޓެއް އައި ފުރަތަމަ ފަހަރެވެ. ޗައިނާއިން އައި މި ބޯޓުގައި ރާއްޖެ ގެނައީ 100 މީޓަރުގެ ދެބާޖާއި ޓަގަކާއި ދެފްލޯޓިން ވެސެލްކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.



ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ބްރިޖް އެޅުމަށް ކަނޑުގެ މަސައްކަތަށް ބޭނުންވާ ތަކެތި ބޭލުވޭނީ ބޯޓު ވަކިވަރަކަށް އަޑިއަށް ދުއްވާލައިގެންކަމަށެވެ. އެގޮތުން 12 މީޓަރާއި 18 މީޓަރާ ދެމެދުގެ ފުންމިނަށް ބޯޓު އަޑިއަށް ދުއްވާލުމަށްފަހު، ޓަގު ބޯޓު ބޭނުންކޮށްގެން ބާޖުތައް ބާލާނެކަމަށް މުއްތޮލިބު ވިދާޅުވިއެވެ. އަދި މި މަސައްކަތް މި ފެށޭ ހަފްތާ ބަންދުގައި ފެށިގެންދާނެކަމަށްވެސް މުއްތޮލިބު ވިދާޅުވިއެވެ.



ބްރިޖް ގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ރާއްޖެ އައި އިރު މިހާރުވެސް ރާޅުގަނޑު ސަރަޙައްދުގައިވެސް މަސައްކަތް ކުރިއަށް އެބަގެންދެއެވެ. މި ސަރަހައްދުންވެސް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެކަމަށް ހައުސިންގް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.



ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތް ރޭވިފައިވާ ގޮތަށް ބަލާއިރު، މާޗް މަހުގެ ކުރީކޮޅު ޓެސްޓް ޕައިލް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ފަހުން ކުރަންޖެހޭ ތަހްލީލީ މަސައްކަތާއި އެކު ފައުންޑޭޝަން ޕައިލްތައް ޖަހަންފަށާނެކަމަށް ހައުސިންގް މިނިސްޓްރީން ވިދާޅުވެއެވެ.



ހައުސިންގ މިނިސްޓްރީން ވިދާޅުވީ، މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށް ދާނަމަ ކަނޑު އަޑިންޖަހަން ފަށާ ބްރިޖްގެ ތަނބުތައް އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ލޮނުގަނޑުގެ މަތިން އާއްމުނަށް ފެނިގެންދާނެ ކަމަށެވެ.