ޚަބަރު

"މަގޭ ކައުންސިލް އެޕް" ކައުންސިލްތަކަށާއި ރައްޔިތުންނަށް ބޮޑުލުޔެއް


ބައެއް ރަށްރަށުގައި ކައުންސިލްތަކުން ތަފާތު ޚިދުމަތްތައް ހޯދުމުގައި ލަސްވުމާއި، އުނދަގޫވުމަކީ އާއްމު ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުން އޮތް ކަމެކެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލް.ޖީ.އޭއިން މިހާރު އަންނަނީ މިކަމަށް ހައްލު ހޯދައިދީ ލުއި ފަސޭހަކޮށް ޙިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ އެޕްލިކޭޝަނެއް ތަޢާރަފްކޮށް، އެ އެޕް ދިރާސާ ކުރަމުންނެވެ. "މަގޭ ކައުންސިލް"ގެ ނަމުން ނަންދީފައިވާ މި އެޕް މެދުވެރިކޮށް ކައުންސިލްތަކުން ފޯރުކޮށްދޭ ޙިދުމަތަކަށް އެދުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށް އެލް.ޖީ.އޭއިން ވިދާޅުވެއެވެ.

މި އެޕްލިކޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެލް.ޖީ.އޭގެ ސީ.އީ.އޯ އަފްޝަން ލަތީފް ވިދާޅުވީ، މި އެޕް މެދުވެރިކޮށް ރައްޔިތުން ޚިދުމަތް ހޯދުމަށާ، ކައުންސިލްތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ލުޔެއް ލިބިގެންދާނެކަމަށް އުންމީދު ކުރާކަމަށެވެ.

"ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެއީ މިހާރު ކިތަންމެ ކުޑަކުޑަ ކަމެއްގައި ނަމަވެސް ދާން މިޖެހެނީ ކައުންސިލަށް ކައުންސިލަށް ނުގޮސް އޮންލައިންކޮށް މިފަދަ ޙިދުމަތްތަކަށް އެދި ހުއްދަ ލިބެން ފެށުމަކީ ރައްޔިތުންގެ މަސައްކަތަކަށާ ކައުންސިލް މުވައްޒަފުންގެ އެހެނިހެން މަސައްކަތަކަށް ވަގުތު ސަލާމަތް ކުރެވޭނެކަމެއް" އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ، ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ މި ޒަމާނުގައި އޮންލައިން ޕްލެޓްފޯމަކުން ކައުންސިލްތަކުން ފޯރުކޮށްދޭ ހުރިހާ ޙިދުމަތްތަކެއް މި އެޕްމެދުވެރިކޮށް އެދެވިގެންދާނެމަށެވެ. އަދި ކައުންސިލްތަކުން އާންމުކުރާ އެންގުންތައްވެސް މި އެޕްމެދުވެރިކޮށް ބަލާލެވިގެން ދާނެކަމަށެވެ.

މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރާ، އާންމު އެންގުންތަކާ، ކައުންސިލްތަކުން ގެޒެޓް ކުރާ ހުރިހާ ލިޔެކިޔުމެއްވެސް މި އެޕުން ފެންނާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ބުނާނަމަ މަގުމައްޗައް ހޮޅިއެއް ޖަހަންބޭނުންވާ މީހާއަށް އެ ހޮޅި މަގައް ޖެހޭނީ ކައުންސިލުން ނަގަނެޖެހޭ ހުއްދައެއް ނެގުމަށް ފަހުގައެވެ. މި އެޕް ތައާރަފްކޮށް ޙިދުމަތް ފޯރުކޮށްދޭން ފެށުމުން މިފަދަ ކަންކަމަށް ކައުންސިލަށް ނުގޮސް އޮންލައިންކޮށް މި ޙިދުމަތައް އެދި، އޭގެ ހުއްދަ ރައްޔިތު މީހާއަށް ލިބިގެންދާނެއެވެ.

އަފްޝަން ވިދާޅުވީ، މިހާތަނަށް އިދާރީ ގޮތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ލަސްވަމުން ދާ ޝަކުވާއެވެ. އެކަމަށް އެދެވޭ ހައްލެއް ގެނައުމަށް ތައާރަފްކުރާ މި އެޕްލިކޭޝަންގައި މިހާރު ޙިދުމަތް ދިނުމަށް ހަދާފައިހުރި ޕޯޓަލްތައްވެސް މި އެޕްގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

""މީ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ދުަވސްވަރެއް އަދި މިހާރު ގިން މީޙުންނަކީ އެކަމަށް އަހުލުވެރި ބައެއް ކަމުން މި އެޕުން ޙިދުމަތް ދޭން ފެށުމުން ރައްޔިތުމީހާއަށާ ކައުންސިލްތަކަށްވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ" އަފްޝަން ވިދާޅުވިއެވެ.

މި އެޕްލިކޭޝަންގައި އެރަށެއް ވަކިވަކި ސެލެކްޓްކޮށް ފޯރުކޮށްދޭ ޙިދުމަތްތައް ފެންނަން ހުންނާނެއެވެ. އަދި އާބާދީއާއި، ރަށުގެ މަޢުލޫމާތާއި، ބިމުގެ ދަފްތަރުގެ މައުލޫމާތުވެސް ހިމެނެއެވެ.

މަގޭ ކައުންސިލް އެޕް މިހާރު ކައުންސިލްތަކަށް ބޭނުން ކުރުމަށް ވަނީ ދީފައެވެ. އެއީ އެޕްއަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރިނަމަ އެކަންކަން ހައްލު ކުރުމުގެ ބޭނުމުގައިކަމަށް އެލް.ޖީ.އޭއިން ވިދާޅުވެއެވެ. އަދި މައްސަލަތައް ފާހަގަ ކުރެވެމުންދާ މިންވަރަކުން އެކަންކަން ހައްލުކޮށް މިއަހަރުގެ މެދެއްހާ ހިސާބުގައި ރައްޔިތުންނަށް މި އެޕްލިކޭޝަން ހުޅުވާލުމަށް ތައްޔާރުވަމުން އަންނަކަމަށް އެލް.ޖީ.އޭއިން ވިދާޅުވެއެވެ.