ޚަބަރު

މިއަހަރު 3 އެއަރޕޯޓް ނިމި، 4 އެއަރޕޯޓެއްގެ މަސައްކަތް ފެށޭނެ: ރައީސް


މިއަހަރު އިތުރު 3 އެއަރޕޯޓެއްގެ މަސައްކަތް ނިމި، 4 އެއަރޕޯޓެއްގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގދ.ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ރާއްޖޭގެ ދެކުނުގައި 2 އެއަރޕޯޓް އަދި އުތުރުގައި 2 އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އެކިއެކީގައި މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި ފަރެސްމާތޮޑާގެ އިތުރުން ރ.އަލިފުށި، ފ.މަގޫދޫ އަދި މ.މުލީގެ އެއަރޕޯޓްގެ މަސައްކަތް ނިންމާ މިއަހަރު ޚިދުމަތްދޭން ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި 3 އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައްވެސް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

މި އެއަރޕޯޓްތަކުގެ އިތުރުން އިތުރު 4 ރަށެއްގެ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށުމަށް މަސައްކަތް ކުރައްވަމުންދާކަމަށްްވެސް ރައީސް ވިދާޅުވިއެވެ.

"މަކުނުދޫ، ތުޅާދޫ، ވިލުފުށި އަދި ބިލެއްފަހީގެ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނަކަމުގެ އުއްމީދު ބޮޑު. މިހާރު ކުރިއަށްދަނީ ބީލަމުގެ ފަހު މަރުޚަލާ. އަދި ރ.އަތޮޅު ދެކުނު ބިތުގައި އަޅާ އެއަރޕޯޓްގެ ފުރަތަމަ މަރުޚަލާގެ މަސައްކަތް ދަނީ ކުރިއަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢުތައް ހަގީގަތަކަށް ވެގެންދާއިރު، "ގަތާ ލާމެހިގެންދާނެ" ވައިގެ ވިއުގައެއް ރާއްޖޭގައި ޤާއިމުވާނެކަމަށެވެ. މިއާއެކު ރަށްރަށަށް ގިނަ މަންފާތަކެއް ވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީފާތައް އިތުރުވުމާއި އިޤްތިޞާދީ އެތައް ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށާއި މީގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އަމިއްލަ ފުދުންތެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ކޮންމެ ރައްޔިތަކަށް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަރައްޤީގެ އެ މަސައްކަތްތަކަކީ މުޅި ޤައުމުގެ ތަރައްޤީއާ ގުޅިފައިވާކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.