ޚަބަރު

ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅައިފި


މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅައިފިއެވެ.

ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށެވެ. ހައްޖަށް މީހުން ގެންދިއުމަށް ހުއްދަދެވޭނީ ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށެވެ.

އެގޮތުން ހުއްދަދެވޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބޭ ކުންފުނިތައް ރަމަޟާންމަހުގެ ކުރީކޮޅު ކަނޑައެޅުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ކޮންމެ އަހަރަކުވެސް 1000 ކޯޓާ ސައުދީން އަންނަނީ ދެމުންނެވެ. ނަމަވެސް ބައެއް އަހަރުތަކުގައި ރާއްޖެއަށް ވަނީ 2000 ކޯޓާވެސް ލިބިފައެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށްޓަކައި 1000 ކޯޓާ ލިބިފައިމިވަނީ 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ކޯވިޑް 19 އާ ގުޅިގެން 2021 ވަނަ އަހަރު ހައްޖަށް މީހުން ގެންދިޔުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައެއް ނުވެއެވެ. އެއަށް ފަހު 2022 ވަނަ އަހަރު ރާއްޖެއަށް ލިބުނީ 453 ފުރުޞަތެވެ. މިފުރުޞަތުގައި ހައްޖަށް މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނުން އެކަންޏެވެ.

މިފަހަރު ރާއްޖެއަށް 1000 ކޯޓާ މިހާތަނަށް ލިބިފައި އޮތްނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މި ކޯޓާ 2500 އަށް އިތުރުކުރުމަށެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު އަލީ ވިދަޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއިން ހައްޖަށްދާ މީހުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާނެކަމަށެވެ.