ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި، ސައިބަރކްރައިމާއި ގުޅުންހުރި ޢަމަލުތަކަކީ ކުށެއްކަމަށް ކަނޑައެޅުމަށް ޤާނޫނުލްއުޤޫބާތަށް އިޞްލާހު ހުށައަޅުއްވައިފިއެވެ. މިއިޞްލާހު ހުށައެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒުއެވެ. މި ބިލުގައި ސައިބަރކްރައިމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ކުށެއްކަމަށް ކަނޑައަޅާފައިވެއެވެ.
މި ބިލުގައި ބަޔާންކުރާގޮތުގައި ކޮމްޕިއުޓަރަކަށް ނުވަތަ ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ބަޔަކަށް އެކްސެސް ހޯދުމަށްޓަކައި ނުވަތަ އެކްސެސްވުމަށް މަގުފަހިކުރުމަށްޓަކައި، ކޮމްޕިއުޓަރ ސިސްޓަމަކުން އެއްވެސް ބާވަތެއްގެ ފަންކްޝަނެއް ހިންގުމަށް، ވަގުތީ ގޮތުން ނުވަތަ އެނޫން ގޮތަކުންވިޔަސް މެދުވެރިވުމަކީ ކުށެކެވެ. އަދި ކުށެއްކުރި މީހަކީ އެހެން ކުށެއް ކުރުމުގެ ނިޔަތުގައި ކަމަށްވާނަމަ ނުވަތަ ކުށް ކުރީ އޭނާ ނުވަތަ އެހެން މީހަކު އެހެން ކުށެއް ކުރުމަށް މަގުފަހިކުރުމަށް ކަމަށްވާނަމަ އެފަދަ މީހަކު އެ ކުރަނީ ކުށެއްކަމަށްވެސް އިޞްލާހުގައިވެއެވެ.
* ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
* އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
* ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓްކުރުން
* ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާއަށް އިންޓަރފިއަރކުރުން
* ހުއްދަނެތި ކޮމްޕިއުޓަރ ސިއްޓަމަކަށް އިންޓަރފިއަރކުރުން
* ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން
* ސައިބަރވަޔަލަންސްގެ ޢަމަލުތައް
* ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ ޢަމަލުތައް
* ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ ޢަމަލުތައް
* ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލުތައް
މިބިލުގެ ބަހުސް މަރުހަލާގައި މެމްބަރުން ވަނީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަކީ މިއަދު ނުރައްކާތެރި ކުށްތަކަށް ވެފައިވާކަން ފާހަގަ ކުރައްވާފައެވެ. މިފަދަ ބިލެއްގެ މަސައްކަތް ކުރަމުންދާއިރު ކަމާއި ގުޅުންހުރި އިދާރާތަކުގެ ޚިޔާލާއި މަޝްވަރާއާއިއެކު ޤާނޫނަށް އިސްލާހު ގެނައުމަކީ މުހިންމު ކަމެއް ކަމުގައި މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ. މިބިލްގެ ބަހުސް މިއަދު ފެށިއިރު، ބިލް ކޮމެޓީއަކަށް ފޮނުވުމާއިމެދު މަޖިލިސް ރައީސް ވިދާޅުވީ މިބިލް މަޖިލީހުން ކަނޑައަޅާ ކޮމެޓީއަކަށް ފޮނުވުމަކީ މުހިންމު ކަމެއްކަމަށެވެ.
މީގެ އިތުރުން ޓެކްނިކަލްގޮތެއް މެދުވެރިކޮށް ސީދާ ގޮތުގައި ނުވަތަ ނުސީސާ ގޮތުގައި ވަގުތީ ގޮތުން ނުވަތަ އެނޫން ގޮތަކަށްކަމުގައިވިޔަސް ޓްރާންސްމިޝަންތައް އިންޓަރސެޕްޓުކުރުން ނުވަތަ އިންޓަރސެޕްޓުކުރުމަށް މެދުވެރިވުމަކީވެސް ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ.
މުޢިއްޒު ހުށައެޅުއްވި އިޞްލާހުގައި ކޮމްޕިއުޓަރ ސިސްޓަމަކަށް ވަގުތީ ގޮތުން ނުވަތަ އެނޫންގޮތަކުން ވިޔަސް އިންޓަރފިއަރކުރުން ނުވަތަ އިންޓަރފިއަރކުރުމަށް މެދުވެރިކުރުމަކީ ކުށެކެވެ. އެގޮތުންއެ އަމަލު ހިންގާފައިވަނީ އެ ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަރފިއަރކުރުމުގެ ހުއްދަ އޭނާއަށް ލިބިފައިނެތް ޙާލަތުގައި އެކަން އެނގިހުރެ އިންޓަރފިއަރެންސެއް ހިންގުމުގެ ނިޔަތުގައި ކަމަށްވުމަކީވެސް ކުށެއްކަމަށް ޤާނޫނުލް އުޤޫބާތުގައި ކަނޑައެޅުމަށް އިޞްލާހުގައިވެއެވެ.
* ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާޢިޢުކުރުން
* ކޮމްޕިއުޓަރސިސްޓަމް މެދުވެރިކޮށް ޝާޢިއުކުރުމުގެ ބޭނުމަށްޓަކައި ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުން
* ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑުބެހެއްޓުން
މި ބިލުގައި ބަޔާންކުރާ ކުށަކަށް އަރައިގެންފިނަމަ އަހަރަކަށްވުރެ ގިނަ ދުވަހަށް ޖަލަށް ލެވޭގޮތަށްވެސް ކަނޑައަޅާފައިވެއެވެ. ސައިބަރކްރައިމްގެ ޢމަލުތައް ކުށެއްކަމަށް ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައަޅާފައިވާއިރު، ސައިބަރ ކުށްތައް ހުއްޓުވަން ޚާއްޞަ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.