ޚަބަރު

މާލޭ ސަރަޙައްދުން ފްލެޓާއި ގޯތި ދޫކުރުން ލަހެއްނުވޭ، މެއިމަހު ލިސްޓު ޢާއްމުކުރާނެ: އަކްރަމް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅާއި އެއްގޮތަށް، މާލޭ ސަރަޙައްދުން ދޫކުރާ ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މެއިމަހު ޢާއްމުކުރައްވާނެކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް 5 އަހަރު ހަމަވާން ދާއިރުވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައިނުވާތީ އެ މަސައްކަތް ހަލުވިކަމާއެކު ނިންމައިދިނުމަށް އެދި ސަރުކާރަށް ގޮވާލައި ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.

މި ޤަރާރުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ތަކުރާރުކޮށް ރައްޔިތުންގެ މަންދޫބުން އެދެމުންދާއިރުވެސް ސަރުކާރުން އެ މަސައްކަތް ކުރަމުންދަނީ ލަސް އަދި އެއްވެސް މިސްރާބެއް ނެތިކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ބޯހިޔާވަހިކަމާއި ބޯހިޔާވަހިކަމެއް ހޯދުމަށް ބޭނުންވާ ތަނަވަސްކަން ފަހިކޮށްދިނުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތްތަކެއް މިހާތަނަށްވެސް ކޮށްފައިނުވާކަމަށް ގަރާރުގައިވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފްލެޓާއި ގޯތި ދޫކުރުމުގެ ކަންކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ކޮމެޓީގެ ޗެއަރމަން އަދި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފްލެޓާއި ގޯތި ދޫކުރުމުގެ ކަންކަން ސަރުކާރުން ޕްލޭނާއި އެއްގޮތަށް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި އެގޮތުން މިހާރު ކުރިއަށްދަނީ ފޯމްތައް ދިރާސާކުރުމުގެ މަސައްކަތްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް އަންނަ މެއިމަހު ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކޮށް، މެއި ޖޫންގައި އެތަންތަން ޙަވާލުކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

"ކޮމެޓީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްއެބަދޭ. ކުރީގައިވެސް ރައީސް ހާމަކުރައްވާފައިވާ ފަދައިން މެއިމަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފައިނަލް ލިސްޓު އިޢުލާންކުރެވޭނެ. މެއި، ޖޫން، ޖުލައިގައި އެތަންތަން ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ" އަކްރަމް ވިދާޅުވިއެވެ.

ސަރުކާރުގެ "ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން މާލޭ ސަރަޙައްދުން 4000 ފްލެޓާއި، 3000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ ތެރެއިން 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުންނެވެ. އަދި 4000 ފްލެޓާއި، 1000 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވަނީ ހުޅުމާލެއިންނެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މި ޢަދަދު އިތުރުކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

ފްލެޓާއި ގޯއްޗަށް އެދި ހުޅުވާލުމުން އާއްމުންގެ ފަރާތުން 30،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވެއެވެ.

ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް ސާފުކޮށް، އެތަންތަނުގައި މީހުން އާބާދުވުމަށްޓަކާ ބޭނުންވާ ޢަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.