ޑިޒައިން އެންޑް ބިލްޑް އުސޫލުން 4 ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢު ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ކ.ހިންމަފުއްޓާއި އއ.މަތިވެރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި، ކުޅުދުއްފުށީގެ ޖެޓީ ސަރަޙައްދު ބޮޑުކުރުމުގެ މަސައްކަތާއި، ނ.ކެނދިކުޅުދޫގެ ބަނދަރު ތަރައްޤީކުރުމާއި އެރަށުގައި ދޯނި އެހެލާ ސަރަޙައްދެއް ތަރައްޤީކުރުމުގެ މަސައްކަތެވެ.
ކ.ހިންމަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެދަށުން ހަވާލުކޮށްފައިވަނީ ރަށުގެ ދެކުނު ފަރާތުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށެވެ. އެގޮތުން ގިރަމުންދާ ސަރަޙައްދުގައި 160 މީޓަރުގެ ބޮޑުހިލައިގެ އެއްގަމު ތޮއްޓެއް ލުމާއި، 53 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުމާއި 127 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުން ހިމެނެއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 6 މަސް ދުވަހުން ނިންމާގޮތަށް 11.8 މިލިއަން ރުފިޔާއަށެވެ.
ގޮނޑު ދޮށް ހިމާޔަތް ކުރަން ހަމަޖެހިފައިވާ އަނެއް ރަށަކީ އއ.މަތިވެރިއެވެ. މަތިވެރީގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 54 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 63 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން އަދި، ދެކުނު ފަރާތުގައި 70 މީޓަރުގެ 5 ގްރޮއިން ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި އިރުމަތީ ފަރާތުގައި 110 މީޓަރުގެ ބޮޑުހިލަ ބޭރުތޮށްޓާއި 70 މީޓަރުގެ ގްރޮއިންވެސް ޖަހާނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 24.8 މިލިއަން ރުފިޔާއަށް 8 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.
އެމްޓީސީސީއާއި ދެން ހަވާލުކޮށްފައިވަނީ ކުޅުދުއްފުށީ ބަނދަރުގައި ޤާއިމްކޮށްފައިވާ ލަކުޑި 7 ޖެޓީ އިތުރު 4 މީޓަރަށް ދިގުކުރުމާއި ޖެޓީތައް ދެމެދު ލަކުޑި ޕްލެޓްފޯމް ޤާއިމުކުރުމަށެވެ. އަދި ފްލޯޓިން ޕްލެޓްފޯމްގެ ޕައިލްތައް ދިގުކުރުމަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 13މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް، 8 މަސް ދުވަހުން ނިންމާގޮތަށެވެ.
މި ރަށްރަށުގެ މަސައްކަތުގެ އިތުރުން ނ.ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
މިމަސައްކަތުގެ ތެރޭގައި ބަނދަރަށް ޖާގަ އިތުރުކުރުމާއި، ނެރުފައިކަށި ދިގުކުރުމަށް 168 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުން ހިމެނެއެވެ. އަދި ބަނދަރު ބޮޑު ކުރަ ބައިގައި 200 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި، ބަނދަރުގައި 86 މީޓަރުގެ ޖެޓީއެއް ހެދުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރާ 4 މަސް ދުވަހުން ނިންމާގޮތަށް 79 މިލިއަނަށްވުރެ ވުރެ ގިނަ ރުފިޔާއަށެވެ.