ޚަބަރު

ޤާނޫނު އޮތްގޮތުން ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ވޯޓެއް ނުލެވޭނެ


"ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު" ބޭނުންކުރަން ފެށިނަމަވެސް އިންތިޚާބުތަކުގައި ވޯޓްލުމަށް ޑިޖިޓަލް އައިޑީ ކާޑު ބޭނުން ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

"ޑިޖިޓަލް އައިޑެންޓިޓީ ކާޑު" ރާއްޖޭގައި ތައާރަފްކުރުމަށް މަސައްކަތްކުރަމުންދާއިރު ކާޑު ހިދުމަތް ފެށުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ޑިޖިޓަލް އައިޑެންޓިޓީ ކާޑުގެ އެންމެ މުހިންމު ބޭނުމަކީ ރައްކާތެރިކަމާއެކު އެމީހެއްގެ ޒާތީ މަޢުލޫމާތު ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.

މިހާރު ބޭނުންކުރަމުން އަންނަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އައިޑެންޓިޓީ ކާޑަކީ ޑިޖިޓަލް ފީޗާތައް ހިމެނޭ ކާޑެއް ނޫނެނެވެ. ނަމަވެސް އަލަށް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ސެކިއުރިޓީ ގިނަ ފީޗާތަކެއް ހިމެނޭނެ ކާޑެކެވެ. ޑިޖިޓަލް އައިޑެންޓިޓީ ކާޑް ތަޢާރަފްކުރަނީ، އަލަށް ތަޢާރަފްކުރާ އީފާސް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ސަރުކާރުގެ އިދާރާއަކުން ދޫކުރާ އެމިހާގެ ޒާތީ މަޢުލޫމާތާއި ގުޅޭ ހުރިހާ ކާޑްތައް، ޑިޖިޓަލްކޮށް ބޭނުންކުރެވޭ ގޮތަށެވެ.

އައިޑީކާޑު ޑިޖިޓަލް ކުރުމަށް ކުރަމުންދާ މަސައްކަތާއިއެކު އިންތިޚާބު ތަކުގައި ޑީޖިޓަލް އައިޑީކާޑު ބޭނުން ކުރުމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ޤާނޫނުގައި ބުނާގޮތުން އެއްވެސް އިންތިޚާބެއްގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ކުރުމަށް ޖާގައެއް ނުލިބޭކަމަށެވެ. ޑިޖިޓަލް އައިޑީކާޑު ބޭނުން ކުރެވޭނީ ފޯނުން ކަމަށްވާއިރު، އިންތިޚާބީ މަރުކަޒަށް ފޯނު ވެއްދުމަކީ ޤާނޫނީ ގޮތުން މަނާކަމެއްކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ޤާނޫނުގައި މިހާރު އޮތް ގޮތުން ވޯޓުލާ މަރުކަޒަށް ވެއްދޭނެ ކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ތަކެތި ފިޔަވައި އިތުރު އެއްޗެއް ވެއްދުމަށް އެއްވެސް އިންތިޚާބެއްގައި ޖާގަ ނުދޭނެކަމަށް ހަބީބު ވިދާޅުވިއެވެ. ނަމަވެސް ޑިޖިޓަލް އައިޑީކާޑާއިއެކު ރީރަޖިސްޓްރީ ކުރުމުގައި އާންމު ރައްޔިތުންނަށް ލުއިގޮތްތަކެއް ފަހިވެގެންދާނެތީ އެހާލަތުގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިޚާބަށް އިލެކްޝަނުން ދުރާލައި ތައްޔާރު ވަމުންދާއިރު ކޮމިޝަނުން ދަނީ ލޮލަށް ނުފެންނަ މީހުންގެ ވޯޓްގެ ސިއްރުކަން ހިފެހެއްޓުމަށް އެމީހުންނަށް ވޯޓުލެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

މިފަހަރުގެ އިންތިޚާބުގެ މައި މަރުކަޒަކަށް ހަމަޖައްސާފައި ވަނީ ދަރުބާރުގޭގައެވެ. މިމަހުގެ ފަހުކޮޅު ދަރުބާރުގެ ހުސްކޮށް އިލެކްޝަނާއި ހަވާލުކުރާއިރު ކޮމިޝަންގެ މަސައްކަތް ދަރުބާރުގޭގައި ރަސްމީކޮށް ފަށާނީ ރޯދަމަސް ނިންމުމަށް ފަހުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.