ޚަބަރު

"ސްކޫލްތަކުގެ ވެރިންނަކީ ދަރިވަރުންގެ ކިޔެވުމަށް ފައިދާހުރި ބަދަލުތަކެއް ގެނެވިދާނެ ބައެއް"


ސްކޫލްތަކުގެ ވެރިންނަކީ ދަރިވަރުންގެ ކިޔެވުމަށް ނުހަނު ފައިދާހުރި ބަދަލުތަކެއް ގެނެވިދާނެ ފަރާތްތަކެއްކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަރޝިޕްގެ ފުރަތަމަ ބުރު ނިންމި ބައިވެރިންނަށް ޕްރިންސިޕަލްކަމުގެ މަސްޢޫލިއްޔަތު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅުގައި މި ސްކޮލަރޝިޕް ޕްރޮގްރާމް ފުރިހަމަށް ކުރުމަށްފަހު ސްކޫލުތަކާ އަލަށް ގުޅިވަޑައިގަންނަވާ ޕްރިންސިޕަލުންނަށް އިޝާރަތްކުރައްވާ އެބޭފުޅުން އެ ހަވާލުވެވަޑައިގަތީ ވަރަށް ބޮޑު ޒިންމާއަކާ ކަން ފާހަގަކުރައްވިއެވެ. އަދި އެ ޒިންމާގެ ބޮޑުކަން އަބަދުވެސް ހަނދާނުގައި ބަހައްޓަވަންވާނެކަން ފާހަގަކުރެއްވިއެވެ. މި މަސައްކަތުގައި އެތައް ގޮންޖެހުންތަކަކާ ކުރިމަތިވާނެކަމަށާއި، ނަމަވެސް ޒިންމާ ރަނގަޅަށް އަދާކުރެވިއްޖެނަމަ އެއީ ދެމިހުންނަނިވި ހިތްހަމަޖެހުމެއް ލިބޭނެކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސްކޫލްތަކުގެ ވެރިންނަކީ ދަރިވަރުންގެ ކިޔެވުމަށް ނުހަނު ފައިދާހުރި ބަދަލުތަކެއް ގެނެވިދާނެ ފަރާތްތަކެއްކަމަށެވެ. އަދި ކިލާހުގައި ކިޔަވައިދޭ މުދައްރިސް ފިޔަވައި، ދަރިވަރުންގެ ތަޢުލީމަށް އެންމެ ހެޔޮ ބަދަލެއް ގެނެވޭނީ ސްކޫލް ހިންގަން ހުރި އިސްވެރިއަކަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސްކޫލް ހިންގާ ވެރިއެއްގެ ހައިސިއްޔަތުން، ތިއިން ކޮންމެ ބޭފުޅަކީ ސްކޫލްގެ ކިޔަވައިދިނުމުގެ ޕްރޮގްރާމް ފަހިކޮށް ކުރިއަށް ގެންދެވޭނޭ ޙާލަތްތައް މެދުވެރިކުރުވާ ފަރާތަކަށް ވާންވާނެ. ތިޔައީ ބެލެނިވެރިންނާއި ޢާއިލާތަކާ ގުޅުންތައް ޤާއިމްކޮށް ދަމަހައްޓާ ފަރާތަކަށް ވާންވާނެ. ރަނގަޅު ހިންގުންތެރިން ހިންގަނީ ނަމޫނާ ދައްކައިގެން. ތިޔަބޭފުޅުން ވާންވާނީ ޕޮޒިޓިވް، އެންތޫސިއާސްޓިކް، ދުވަހީ މަސައްކަތްތަކުގައި ބައިވެރިވާ ބަޔަކަށް" މިނިސްޓަރ ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ، ހިންގުންތެރި ވެރިއަކަށްވެވޭނީ މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންނާއި މުޖްތަމަޢުގެ އެހެން ފަރާތްތަކަށް ފަސޭހަކަމާއެކު ބައްދަލުކުރެވި ވާހަކަ ދެކެވޭ ބަޔަކަށް ވެވިގެންކަމަށެވެ. އަދި އުނދަގޫ ޙާލަތްތަކުގައި ކެތްތެރިވެ، ފިޔަވަޅު އެޅުމުގެ ކުރިން ވިސްނާ ބަޔަކަށް ވެވިގެންކަމަށާއި، އަމިއްލަ ޒަރޫރީ ބޭނުންތަކުގެ ކުރިއަށް މަދަރުސާގެ ބޭނުންތައް އިސްކުރާ ބަޔަކަށް ވެވިގެންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުއްމީދަކީ ޕްރިންސިޕަލްކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ މިދެންނެވި ފަދަ ބަޔަކަށް ވާނެކަން. ބަދީލީ ބަދަލުތަކަށް މަރްޚަބާ ކިޔާ ބަޔަކަށް ވާނެކަން. އެވަގުތެއްގެ ޙާލަތާ އެއްގޮތަށް ކަންކަންކުރަން ކެރޭ ކުޅަދާނަ ބަޔަކަށް ވާނެކަން. އީޖާދީ ވިސްނުމާއެކު ޙިކްމަތްތެރި ނިންމުންތައް ނިންމަންކެރޭ ބަޔަކަށް ވާނެކަން. އިތުބާރުކުރެވޭ ގުޅުންތައް ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި ރައްޔިތުންނާމެދު އުފައްދައި، އެ ގުޅުންތައް ހަންހާރަކުރާ ބަޔަކަށްވާނެކަން، އަދި ވަކި ފަރާތަކަށް ޖެހުމުގެ ބަދަލުގައި، ޢަދުލާއި ހަމަހަމަ ކަމާ އެކު ހުރިހާ ފަރާތްތަކާ އެކު މުޢާމަލާތް ކުރާ ބަޔަކަށް ވާނެކަން" މިނިސްޓަރ ވިދާޅުވިއެވެ.

"ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް ޕްރޮގްރާމް" ގެ ފުރަތަމަ ބުރުގައި ޖުމްލަ 17 ބައިވެރިން ވަނީ މެލޭޝިއާގެ މަލާޔާ ޔުނިވަރސިޓީއިން "މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސް ފުރިހަމަކޮށްފައެވެ.

ފުރަތަމަ ބުރުގައި ކޯސް ނިންމި 17 ބައިވެރިން އެނބުރި ރާއްޖެ އައިސް އެޑިޔުކޭޝަން މިނިސްޓްރީއަށް ރިޕޯޓުކޮށްފައި ވަނީ މިމަހުގެ 5 ގައެވެ. އަދި މިމަހުގެ 5 އިން 9 އަކަށް މި ފަރާތްތަކަށް ޙާއްސަކޮށްގެން ޕްރިންސިޕަލުންގެ އިންޑަކްޝަން ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.

ސްކޮލަރޝިޕް ފުރިހަމަކޮށް ޚިދުމަތާ ގުޅުނު ހުރިހާ ބައިވެރިންނަކީވެސް 4 އަހަރު ދުވަހުގެ މުއްދަތަށް، އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާ ސްކޫލެއްގައި ޕްރިންސިޕަލްގެ މަސްޢޫލިއްޔަތު އަދާކުރަންޖެހޭ ގޮތަށް ބޮންޑް ކުރެވިފައިވާ ފަރާތްތަކެވެ. އެފަރާތްތައް ވަޒީފާ އަދާކުރާނެ ސްކޫލްތައް މިހާރު ކަނޑައަޅާފައިވާއިރު، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އެ ސްކޫލުތަކާ މި ފަރާތްތަކުން ޙަވާލުވެ، ސްކޫލް ހިންގުމުގެ މަސްޢޫލިއްޔަތު އަދާކުރަން ފަށާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިއާއެކު މި ސްކޫލްތަކުގެ އުނގެނުމާއި އުނގަންނައިދިނުން އަދި ސްކޫލް ހިންގުމުގެ އެންމެހާ ކަންކަން މިހާރަށްވުރެ ހަރުދަނާވެ ސްކޫލްތަކަށް އިތުރު ކުރިއެރުމާއި ތަރައްޤީ ގެނެވޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.