ޚަބަރު

ކުނި ބިލު އަންނަ މަހުން ފެށިގެން ކަރަންޓު ބިލުގައި ހިމަނަނީ


ކުނި ބިލު ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އަންނަ މަހުން ފެށިގެން ވެމްކޯގެ ކުނި ބިލު ކަރަންޓް ބިލުގައި ހިމެނުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީން ނިންމަވައިފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ބުނީ މާލެ ސަރަހައްދުގައި 53000 އަށްވުރެ ގިނަ ގޭބިސީން ކުނި ނެގި ނަމަވެސް ގަވާއިދުން ފީ ދައްކަނީ އެންމެ 20000 ގޭބީސީންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ކުނި ބިލު ނުދައްކާތީ މިކަމުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯ ދަތިވެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ބައެއް އާލާތްތައް އެކަށީގެންވާ ގޮތެއްގައި މަރާމާތު ނުކުރެވި ބޭނުން ނުކުރެވޭ ހާލަތަށް އަންނަކަމަށެވެ. އަދި އެކަން ހައްލުކުރަން ކުރަންޖެހޭ ޚަރަދު އިތުރުވުމުގެ ސަބަބުން ގަވާއިދުން ކުނި ކަލެކްޓްކޮށް މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ ކުނި މެނޭޖް ކުރުމުގެ ފީ އާންމު ހިދުމަތްތަކުން ނެގިދާނެ ކަމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި ބުނެފައިވާތީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނާނެ ކަމަށެވެ. އެގޮތަށް ހަމަޖެއްސިނަމަވެސް ކުނި ނެގުމުގެ ފީއަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ވެމްކޯއިން ބުނެއެވެ. އަދި ކުނި ނެގުމަށް ވެމްކޯގެ ގޭބީސީތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެކަމަށްވެސް އެ ބަޔާނުގައިވެއެވެ. އެހެން ނަމަވެސް ގެތަކުން އުކާލާ ބޮޑެތި ކުނިތައް ނެގުން މީގެ ތެރެއަކު ނުހިމެނޭނެއެވެ.

ވެމްކޯއިން ކުނި ނެގުމުގެ ޚިދުމަތް ދޭ އަގުތައް

- ގޭބިސީތަކަށް މަހަކު 150 ރުފިޔާ
- ވިޔަފާރިތަކާއި ކޮމާޝަލް ތަންތަނަން ލީޓަރަކަށް 27 ރުފިޔާއެވެ.
- ކޯލް އެންޑް ޕިކަޕް ސާވިސްއަށް ޓަނަކަށް 330 ރުފިޔާ
- ޓްރާންސްފަރ ސްޓޭޝަނަށް ގެންނަ ކުންޏަށް ޓަނަކަށް 1060 ރުފިޔާ
- ދަޢުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓަނަކަށް 2660 ރުފިޔާ
- ވަކި ނުކޮށް ޓްރާންސްފަރ ސްޓޭޝަނަށް ގެންނަ ކުންޏަށް ކޮންމެ ފަހަރަކު 1000 ރުފިޔާ