ޚަބަރު

ޓެކްނިކަލް ދާއިރާގައި އަންހެނުން އިތުރުކުރުމަށް އެސްޓީއޯއިން ސްކޮލަރޝިޕް


ޓެކްނިކަލް ދާއިރާގައި އަންހެނުން އިތުރުކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯއިން ސްކޮލަރޝިޕް ދިނުމަށް ނިންމައިފިއެވެ.

ވަޒީފާގެ މައިދާނުގައިވެސް އަންހެނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ، ގޭގައި ހުރެގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތުތައްވެސް އަންހެނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ޓޭކްނިކަލް ދާއިރާގައި އަންހެނުން އިތުރުކުރުމަށް އެސް.ޓީ.އޯއިން ވަނީ ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފައެވެ.

އެސް.ޓީ.އޯއިން އަންހެނުންނަށް ޚާއްސަކޮށްގެން ސްކޮލަރޝިޕްގެ ފުރުޞަތުތައް ހުޅުވާލައިފައިވަނީ އިންޖިނިއަރީންގެ 3 ދާއިރާއަކުންނެވެ. މި ސްކޮލަރޝިޕްތަކަށް ހުޅުވާލައިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.


އެސް.ޓީ.އޯއިން އަންހެނުންނަށް ޚާއްސަކޮށް ސްކޮލަރޝިޕަށް ހުޅުވާލި ދާއިރާތަކުގެ ތެރޭގައި އެޑްވާންސްޑް ސެޓިފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގއާއި، އެޑްވާންސްޑް ސެޓިފިކެޓް އިން ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިން އަދި ސެޓިފިކެޓް 3 އިން އިލެކްޓްރޯނިކްސް ހިމެނެއެވެ. މީގެ ތެރެއިން އެޑްވާސްޑް ލެވެލްގެ ދެ ކޯހަކީވެސް އެއް އަހަރު ދުވަހުގެ ދެ ކޯހެވެ. އަދި ސެޓިފިކެޓް ލެވެލްގެ ކޯހަކީ 4 މަހުގެ ކޯހެކެވެ.

މި ފުރުޞަތުގެ ދަށުން ހުޅުވާލާފައިވަނީ ޖުމްލަ 15 ޖާގައަކަށެވެ. މިކޯސްތައް ފުރިހަމަކުރުމަށްފަހު އެސް.ޓީ.އޯގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދޭނެކަމަށް އެކުންފުނިން ބުނެއެވެ. އެސް.ޓީ.އޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ކުރާ ކުންފުންޏެކެވެ.

އެސް.ޓީ.އޯގެ މުވައްޒަފުންނަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް އެކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެކުންފުނީގެ މުވައްޒަފުންނަށް ޑޭ ކެއަރގެ ޚިދުމަތް ފަހިކޮށްދިނުމަށް ފައިސާ ހަމަޖައްސައިދޭ ޕްރޮގްރާމެއް ވަނީ ފަށާފައެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް އަމާޒަކީ މުވައްޒަފުންގެ މަސައްކަތާއި، ދިރިއުޅުމުގެ ކަންކަން ފަސޭހަކަމާއެކު ކުރެވޭނެ ގޮތް ފަހިކޮށްދީ، ދުޅަހެޔޮ ވައްޓަފާޅިއެއް ބިނާކުރުމަށް އެހީތެރިވެދިނުންކަމަށް އެސް.ޓީ.އޯއިން ބުނެއެވެ.