ޚަބަރު

ފެނުގެ ނިޒާމާއެކު އިރުވައި މޫސުމުގައި މާކުރަތު ފެނަށް ޖެހުން ނިމުމަކަށް


އިރުވައި މޫސުން ވެފައި އޮންނަނީ ހޫނުގަދަ ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ފާއިތުވާ މޫސުމެއްގެ ގޮތުގައެވެ. މި ދުވަސްވަރު އާންމުކޮށް ރާއްޖޭގެ ގިނަ ރަށްތަކުން ބޯފެން ހުސްވެ ފެން ފޯރުކޮށްދިނުމަށް އެދި ސަރުކާރުގައި ނުވަތަ އެނޫންވެސް ފަރާތްތަކުގައި އެދެންޖެހެއެވެ.

ރ. މާކުރަތަކީވެސް އިރުވައި މޫސުމުގައި ފެނަށް ޖެހޭ ރަށެކެވެ. ސަރުކާރުން މިހާރު އެރަށުގައި ޤާއިމްކުރާ ފެނުގެ ނިޒާމުގެ މަސައްކަތާއެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް އެރަށު ކައުންސިލުން ދެކެއެވެ.

މާކުރަތަކީވެސް އާންމުކޮށް ކޮންމެ އިރުވައެއްގަހެން ފެނަށް ޖެހޭ ރަށެކެވެ. ކުރިއަށް މިއޮތް ދުވަސްތަކުގައި އެކަން އެރަށުގައި ހައްލުވެގެން ދަނީ ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ރައްކާތެރި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް މާކުރަތުގައި ކުރާތީއެވެ. އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒު ވިދާޅުވީ، މި ނިޒާމް ރަށުގައި ޤާއިމް ވެގެންދިއުމުން ރައްޔިތުން ފެނަށް ޖެހޭޖެހުން ނިމުމަކަށް އަންނާނެކަމަށެވެ.

"އެކަމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ. ކޮންމެ އިރުވައެއްގަހެން މިރަށުން ބޯފެނާ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ ފެން ހުސްވޭ. ހަމަ ގައިމުވެސް މި މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުން އެކަން ހައްލުވާނެ" މާކުރަތު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒު ވިދާޅުވިއެވެ.

މާކުރަތުގެ އައްޑިހަ އިންސަތަ ސަރަޙައްދުގެ ބިމުން ނަގާފެން ރަނގަޅު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މީގެ ކުރިން ކޮންމެވެސް ވަރަކަށް ކެއްކުމަށް އެރަށު ބިމުން ނަގާފެން އައީ ބޭނުން ކުރަމުންނެވެ. އެހެންނަމަވެސް އެއީ ރައްކާތެރި ގޮތްކަމަށް ނުދެކޭކަމަށާ، ސަރުކާރުން އެރަށުގައި ފެނުގެ މަޝްރޫޢު ކުރިއަށްގެންދިއުމަކީ ރައްޔިތުން އެކަމާމެދު ހިތްހަމަ ޖެހޭކަމެއްކަމަށް ރަމީޒު ވިދާޅުވިއެވެ.

މާކުރަތުގައި ފެނުގެ ވިއުގަ ޤާއިމުކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މާކެޓެކް ކިޔާ ކުންފުންޏަކާއެވެ. އެކުންފުނިން މި މަސައްކަތް އެރަށުގައި ފެށީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މިހާރު ކުރަމުންދަނީ ފެނުގެ މައި ހޮޅި އެޅުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ފެނުގެ މައި ހޮޅި އެޅުމުގެ މަސައްކަތް ނިމުމުން ދެން ފަށާނީ ވާރޭފެން ނެގުމަށް އަޅާ ހޮޅިލައިން އެޅުމުގެ މަސައްކަތެވެ. ފެން ރައްކާކުރުމަށް ބަހައްޓާ 3 ތާންގީގެ ތެރެއިން ދެ ތާންގީ ރާވާނިމި އަނެއް ތާންގީ ރޭވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އާރު.އޯ އިމާރާތަށް ބަލާއިރު ބޮޑުބައެއް ވަނީ ނިމިފައެވެ. ފެން ހެދުމަށް އަޑިންނަގާފެން ނެގުމަށް ތޮރުފާ ބޯހޯލްގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.

މި މަޝްރޫޢަށް 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަސައްކަތް ނިންމާ ޚިދުމަތް ލިބޭނެ ކަމަށް ކައުންސިލުން ލަފާކުރަނީ މިއަހަރުގެ މެދެއްހާ ހިސާބަށެވެ.