ޚަބަރު

ޕްރައިވެޓައިޒް ކުރެވޭނެ ކުންފުނިތަކުގެ ލިސްޓެއް ރައީސް އޮފީހަށް


ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ޕްރައިވެޓައިޒް ކުރެވޭނެ ކުންފިނިތަކުގެ ލިސްޓެއް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން އެބޯޑުގެ ސެކެޓަރރީ ޖެނަރަލް އަހްމަދު ޔާމީން ވިދާޅުވީ ސަރުކާރުގެ ހިއްސާވާ ކުންފުނިތައް ްރައިވެޓައިޒްކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ޕްރައިވެޓައިޒް ކުރެވިދާނެ ކުންފުނިތަކެއްގެ ލިސްޓް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ކުންފުނިތަކެއްކަމަށް ވިދާޅެއް ނުވެއެވެ. ޔާމީން ވިދާޅޫވީ ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކުރުމަށް ހަދަންޖެހޭ ޤަވައިދުތަށް ހަދާފައިވާކަމަށެވެ.

"ޤާނޫނުގައި މައިގަނޑު ގޮތެއްގައި މިއޮންނަނީ ޕްރައިވެޓައިޒް ކުރުމާއި ކޯޕަރޭޓްކުރުމުގެ މަސައްކަތް. ނަމަވެސް އެކަން އެންމެ އެކަށީގެންވާގޮތެއްގަ އަދި ކުރިއަކަށް ނުދޭ. އެއީ އަޅުގަނޑުމެންގެ ކޮންޓްރޯލްގައި ނެތް ކަމެއް. އެހެންނަމަވެސް، ހަދަންޖެހޭ ޤަވާއިދުތަކާއި އެއްޗެހި ހަދާފައި އަޅުގަނޑުމެން ވާނީ ރައީސް އޮފީހަށް ފޮނުވާފައި." ޔާމީން ވިދާޅުވިއެވެ.

ސަރުކާރުން ވަނީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރު ޕަރައިވެޓައިޒޭޝަން ޕްރޮގްރާމްއެއް އެކުލަވާލާފައިއެވެ. އަދި ކުންފުނިތައް ޕަރައިވެޓައިޒްކޮށްގެން 3 އަހަރު ތެރޭގައި 2 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ކަނޑައަޅާފައިވެއެވެ.

ރާއްޖޭގައި ސަރުކާރު ހިއްސާވާ 31 ކުންފުންޏެއް އޮވެއެވެ. މީގެތެރެއިން އެއްވެސް ކުންފުންޏެއް މިހާތަނަށް ޕްރައިވެޓައިޒްކޮށްފައެއް ނުވެއެވެ.