ޚަބަރު

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ކޮންފަރެންސްގައި ރައީސް ބައިވެރިވެވަޑައިގެންފި

އދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ މިކޮންފަރެންސް މިއަހަރު ކުރިޔަށްދަނީ، ޤަޠަރުގެ ވެރިރަށް ދޯހާގެ، ޤަޠަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ. ކޮންފަރެންސްގައި މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަކީ، އެންމެ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ދަރަޖައިން، މެދުފަންތީގެ އާމްދަނީއެއް ލިބޭ ޤައުމުތަކުގެ ދަރަޖައަށް ބަދަލުވި ތިންވަނަ ޤައުމެވެ. އެންމެ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ގޮތުގައި 46 ޤައުމެއް ހިމެނޭއިއިރު، އެ ޤައުމުތަކަކީ، މަދުން އާމްދަނީ ލިބޭ އަދި ޢުމުރާނީ ތަރައްޤީއާ ދެމެހެއްޓެނިވި ތަރައްޤީގެ ހުރަސްތައް އޮތް ޤައުމުތަކެވެ.

އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ އަމާޒަކީ، ދުނިޔެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކޮށް، ތަނަވަސްކަން އިތުރުކުރުމަށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން އިތުރުކުރުމެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ، އެ ގުރޫޕް އުފެދުނުތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.