ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ 3 ޤައުމަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ޤަތަރަށް ވަޑައިގެން އެ ޤައުމުގެ ވެރިރަށް ދޯހާގައެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްއާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި އދ އާއި އދ.ގެ އެޖެންސީތަކުގެ ދައުރާއި އެހީތެރިކަމުގެ މައްޗަށް ބައްލާވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 3 ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ޤަޠަރުގެ ދޯހާއަށް ވަޑައިގެންފައިވާއިރު، ޤަޠަރުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ 5 ވަނަ ކޮންފަރެންސްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ޤަޠަރަށްފަހު ރައީސުލްޖުމްހޫރިއްޔާ ސާރބިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު ދެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ޖަރުމަނުވިލާތަށް ވަޑައިގެން އެ ޤައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.