ޚަބަރު

ރާއްޖެއިން 2500 ޙައްޖު ކޯޓާއަށް އެދިއްޖެ، އިތުރު ކޯޓާ ހަމަޖެހޭނެކަމުގެ ޢުއްމީދު ބޮޑު


ސަޢުދީ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ރަސްމީ ޙައްޖު ކޯޓާ، 2500 އަށް އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ސަޢުދީ ސަރުކާރުގައި އެދިވަޑައިގެންފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. ސަޢުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ރަސްމީ 1000 ކޯޓާ ދޫކުރެއެވެ.

އާބާދީގެ އުސޫލުން ފޯރުކޮށްދޭ މިކޯޓާ ކޯވިޑްގެ ދުވަސްވަރު މަދުކުރުމަށްފަހު ސަޢުދީ ސަރުކާރުން، އަލުންވަނީ މިއަހަރު ކޯޓާގެ ޢަދަދު ކޯވިޑްގެ ކުރީގެ ޢަދަދަށް އިޔާދަކޮށްފައެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކައްދައްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ރާއްޖެއަށް ސަޢުދީން ދޭ ރަސްމީ ކޯޓާގެ ޢަދަދު އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު މަސައްކަތް ކުރައްވަމުންދާކަމަށެވެ. މިގޮތުން ކޯޓާގެ ޢަދަދު 2500 އަށް އިތުރުކުރުމަށް ސަޢުދީ ސަރުކާރުގައި އެދިވަޑައިގެންފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

"ރައީސް ވަރަށް ބޮޑަށް އެބަ މަސައްކަތްޕުޅު ކުރައްވާ ކޯޓާ އިތުރުކުރެއްވުމަށް. ރާއްޖެއަށް ދޭ، ރަސްމީ ކޯޓާ 1000ގެ ބަދަލުގައި ރަސްމީ ކޯޓާ 2500 އަށް ބަދަލުކޮށްދެއްވުމަށް ރައީސްވަނީ ސަޢުދީ ސަރުކާރަށް ދަންނަވާފައި." މިނިސްޓަރ ވިދާޅުވިއެވެ.


ރާއްޖެއަށް މިއަހަރުވެސް ސަޢުދީން 1000 ކޯޓާވަނީ ފޯރުކޮށްދީފައެވެ. އަދި އިތުރަށް ކޯޓާ ލިބޭނެކެމަށް އުއްމީދު ބޮޑުކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ މީގެކުރީގެ އަހަރުތަކުގައިވެސް ކޯޓާތައް ޕޯޓަލަށް އަޅާ ނިމުމުން ސަޢުދީ ސަރުކާރުން އިތުރު ކޯޓާ ދެއްވާކަމަށެވެ. އެހެން އަހަރުތަކާއި ޚިލާފަށް ރޯދައިގެ ކުރިން މިއަހަރު ކޯޓާތައް ލިބުމުން އިތުރު ކޯޓާ ރޯދައިގެ ތެރޭގައި ނުވަތަ ރޯދަ ނިމޭތާ ކުރީކޮޅު ލިބުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

"ވަރަށް ކުޑަ މުއްދަތެއް މިލިބެނީ. ގްރޫޕްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީގެ އިދާރީ ޓީމާއި، އިވެލުއޭޝަން ކޮމިޓީއިން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ވަރަށް ކުޑަ މުދައްތެއްގެ ތެރޭގައި ގޮތެއް ނިންމަންޖެހެނީ. މަސައްކަތް މިކުރަނީ ރޯދައިގެ ކުރިން މިމަސައްކަތް ނިންމާލުމަށް." މިނިސްޓަރ ވިދާޅުވިއެވެ.


މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީން ވަނީ ޙައްޖަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ރޯދައިގެ ކުރިން އޮންނަ މުއްދަތުގެ ތެރޭގައި އިވެލުއޭޝަންގެ މަސައްކަތް ނިންމުމަށް މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތަށް ޢަމަލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޙައްޖަށް މީހުންގެންދާ ގްރޫޕްތަކަށް އިންތިޒާމު ހަމަޖެއްސުމުގައި ފަސޭހަވާނެ ގޮތްތަކަށް ބަލައިގެންކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖެއަށް ލިބޭ ކޯޓާގެ ދެބައިކުޅަ އެއްބައި ދިނުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އިތުރު 3 ގްރޫޕަށް ބާކީ ކޯޓާތަށް ދިނުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ގްރޫޕަކަށް 90 ކޯޓާ ދިނުމަށް މިނިސްޓްރީއިންވަނީ ނިންމާފައެވެ. މިޢަދަދަށް ކޯޓާ ގްރޫޕްތަކަށް ހަމަޖެއްސީ ބަހުގައި ދަތުރުކުރާ މީހުންގެ ނިސްބަތުން ކޮންމެ ގްރޫޕަކަށްވެސް ދެ ބަހުގައި މީހުން ގެންދިޔުމުގައާއި، އިންތިޒާމުތައް ހަމަޖެއްސުމުގައި ލުއި ފަސޭހަކޮށްދިނުމަށްކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އިތުރަށް ކޯޓާ ލިބުމުންވެސް ގްރޫޕްތަކަށް ކޯޓާ ބަހާނީ މިއުސޫލުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.