ޚަބަރު

ސަވާދީއްތަ ދަތުރު: މިފަހަރު 6 ޤައުމަކުން 13 ޔޮޓު


ރާއްޖޭގެ ޒަމާންވީ ދަތުރުފަތުރު ކުރުމުގެ ޘަޤާފަތް ދިރުވާއާލާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ 'ސަވާދީއްތަ ދަތުރު'ގެ 2 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.

މި ދަތުރު އިންތިޒާމުކުރަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.އައި.ޓީ.ޑީ.ސީންނެވެ.

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.އައި.ޓީ.ޑީ.ސީން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރިއަށްގެންދާ، ސަވާދިއްތަ ދަތުރު މިފަހަރު ފަށާފައިވަނީ، ނ.ލަންދޫގައެވެ. މިފަހަރުގެ ދަތުރުގައި 6 ޤައުމަކަށް ނިސްބަތްވާ 13 ޔޮޓަކުން ބައިވެރިވެއެވެ. އޭގެތެރޭގައި ރާއްޖޭގެ 2 ޔޮޓެއްވެސް ހިމެނެއެވެ،

މިދަތުރުގައި 19 ދުވަސް ވަންދެން ކަނޑުމަތީގައި މިޔޮޓްގެ ދަތުރުވެރިން ޙަރަކާތްތެރިވާނެއެވެ. އަދި ދަތުރުގެ ތެރެއިން 5 އަތޮޅަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު ބައިވެރިން މި 9 ރަށެއްގައި ބަނދަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްއައިޓީޑީސީއިން ބުނީ ލަންދޫއިން ދަތުރުވެރިން ދިޔުމަށް ހަމަޖެހިފައިވަނީ ހިންނަވަރު، ގޮއިދޫ، އއ.ތޮއްޑޫ، ރަސްދޫ، އުކުޅަސް، ދަނގެތި، ދިގުރަށް އަދި މާމިގިއްޔަށްކަމަށެވެ.

މިޙަރަކާތް ނ.ލަންދޫގައި އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމްއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް އާއި ސަރުކާރުގެ އިސްވެރިންނާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން ބައިވެރިވިއެވެ.

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.އައި.ޓީ.ޑީ.ސީން ތައާރަފްކޮށްފައިވާ "ސަވާދިއްތަ ދަތުރު"ގެ ފުރަތަމަ އެޑިޝަން މިދިޔަ އަހަރު ކުރިއަށްދިޔައީ ހއ.އުލިގަމުން ނ.ލަންދޫއާއި ހަމައަށެވެ.