ރިޕޯޓް

ކާށީގެ އަގު އުފުލެނީ ރުކުއަޅައިދޭ މީހުން ނެތުމުން؟


ކާއްޓަކީ ދިވެހިންގެ ތެރޭގައި އެކި ބޭނުންތަކަށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދަން ކާށި ބޭނުންވާއިރު، ހުނިރޮށި، ރިހާކުރު ދިޔަ، އެކި ވައްތަރުގެ ރިހަ (ހަވާދުދަވައިން ކައްކާފަ ހުންނަ) އަދި ފަތު މަސްހުނި ފަދަ މީރު "ދަރުބަދިގެ" ކާނާއަކީ ކާށީގެ އުފެއްދުންތަކެވެ. މީގެ އިތުރުން، ކާށި ތެޔޮ ހެދުމާއި ދިވެހި ބޭސްވެރިކަމަށްވެސް ކާށީގެ ބޭނުން އެކި ގޮތުގައި ހިފައެވެ.

ކުރީޒަމާނުގައި ނަމަ ކާއްޓަކީ އަތްފޯރާފަށުގައި ކޮންމެ ގެއެއްގެ ގޯތިތެރެއިންވެސް ލިބެން ހުންނަ އެއްޗެކެވެ. ޚާއްސަކޮށް ރޯދައާއި ދިމާކޮށް ރަށުގެ އެންމެ ކައިރީ އޮންނަ ފަޅު ރަށްތަކުން ކާށި އަޅަން ނުވަތަ ކާށި ހޮވަން ދަނީ ރަށުގައި ތިބޭ ޒުވާން ފުރައިގެ ކުދިންނެވެ. އަދި ކުރީގައި ކޮންމެ ރަށަކުންވެސް ވަލުތެރެއިން ކާށި ބޭނުންވަރަކަށް ހޮވައިގެންވެސް ލިބެއެވެ.

ކުރިން ކާއްޓަކީ ވަރަށް ފަސޭހައިން ރާއްޖެއިން ލިބެން ހުންނަ އެއްޗެއްނަމަވެސް މިއަދު މަންޒަރު ދަނީ ބަދަލުވަމުންނެވެ. ކާށީގެ އަގު މާލޭގައި އިންތިހާއަށް އުފުލިފައިވާއިރު، ރަށްރަށުންވެސް ކާށި ނެތިގެން އެކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. ކުރިއަށް އޮތީ ރޯދަމަސްކަމުން ކާށި ނުލިބޭނަމަ އެކަން ވާނީ ވަރަށް ބޮޑު މަައްސަލައަކަށެވެ.

މާރުކޭޓުގައި ކާށި ވިއްކާ ގޮޅިތައް ހިންގާ މީހުން ބުނާގޮތުން ކާށީގެ އަގުބޮޑުވުމުގެ މައްސަލަ ކުރިމަތިވެގެން އުޅެނީ ކާށި ލިބުން ދަތިވުމުންކަމަށެވެ. އަދި ކާށި ލިބުން ދަތިވާ އެއް ސަބަބަކީ ރުކުއަަޅައިދޭ މީހުން ރަށްރަށުގައި ނެތުންކަމަށް ބައެއް މީހުން ބުންޏެވެ.

ފަހަކަށް އައިސް ކޮންމެ ރޯދަމަހެއްގައިވެސް ކާށީގެ އަގު އުފުލޭ މައްސަލަ ދިވެހިންތެރޭ ދެކެވެއެވެ. އެކަމުގެ ސަބަބެއް ކަމަށް މާރުކޭޓުން ކާށި ވިއްކާ ގޮޅިތައް ހިންގާ މީހުން ބުނަނީ ރުކުއަޅާދޭ ދިވެހިން ނެތުންކަމަށެވެ. އަދި އެ މަސައްކަތުގައި މިހާރު އުޅެނީ ބިދޭސީންކަމަށާއި، އެމީޙުން އެ މަސައްކަތްކޮށްދެނީ ވަރަށް އަގުބޮޑުކޮށްކަމަށްވެސް ކާށި ވިއްކާ މީހުން ބުނެއެވެ.

"ކާށި އަގުބޮޑުވާން މެދުވެރިވާ ސަބަބަކީ ރުކުއަޅާދޭ މީހުން މަދުވަނީ. ދިވެހިން ނެތީ. ބިދޭސިން އެ މަސައްކަތް ކޮށްދެނީ. ބައެއް ފަހަރު 500 ރުފިޔާވެސް ރުކަށް އަރާ މީހަކަށް ދޭންޖެހޭ" މާރުކޭޓުން ގޮޅިއެއް ހިންގާ ވިޔަފާރިވެރިއަކު ބުންޏެވެ.

އާއްމުކޮށް ރަށްތަކުގައި ރުކުއަޅާދޭ އަގުތަކަކީ އެއް ރުއްނަމަ 250 ރުފިޔާ، އަދި މިއަގު ބައެއް ފަހަރު 450 ރުފިޔާއަށްވެސް އަރާކަމުގައި މާރުކޭޓް ވިޔަފާރިވެރިން ފާހަގަކުރެއެވެ.

ވިޔަފާރިވެރިން ބުނާގޮތުން ކާށި އަގުބޮޑުވެގެން ކިލޯ ކިރައިގެން ވިއްކާ ހިސާބަށްވެސް އެބަދެއެވެ. އަދި ކަށީގެ އަގު އުފުލެމުންދާތީއާއި ކާށި ލިބޭ އަގުބޮޑުވެގެން އަވަށްޓެރި ޤައުމުތަކުންވެސް ކާށި ގެނެސް ދަނީ ވިއްކަމުންނެވެ.

ބައެއް ވިޔަފާރިވެރިން ބުނާގޮތުން ކާށި ލިބުން ދަތިވާ އެއް ސަބަބަކީ ރާއްޖޭގައި މިހާރު ހުރި ރުއްތަކަށް ބަލިޖެހި މަތިވައްހުސްވަމުންދިއުމެވެ.

"ރާއްޖޭގެ ރުށްތަކަށް ވަރަށް ބޮޑަށް ބަލިތައްޖެހޭ. ކޮންމެ 4 އަހަރުން 1 އަހަރު ނުވަތަ 6 އަހަރުން އެއް އަހަރު ރުއްތަކުގެ މަތިވަރު ހަލާކުވާ މައްސަލަތައް ފާހަގަކުރެވޭ. އޭގެ ސަބަބުންވެސް ރުށްތަކުގައި ކާށި އެޅުން ހުސްވެ، ކާށި ލިބުން ވަރަށް ދަތިވާކަން ފާހަގަކުރެވޭ" ބާޒަރުމަތީގައި ކާށީގެ ވިޔަފާރިކުރާ އެހެން މީހަކު ބުންޏެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ ބާޒާރުގައި ކާށީގެ އަގު ބޮޑުވާކަން ފާހަގަކުރެވި، އެކަން މިނިސްޓްރީގެ ސަމާލުކަމަށްވެސް އައިސްފައިވާކަމަށެވެ. އަދި މިކަމަށް ހައްލު ގެނެސްދިނުމަށް މިހާރުވެސް ހަނިމާދޫގައި "ރުކުގެ އައު ޖީލެއް" އުފަންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ކުރިއަށް އޮތް އަހަރުތަކުގައި އެގްރިކަލްޗަރ މިނިސްޓްރީގެ ބެލުމުގެ ދަށުން، ހަނިމާދޫގައި އިންދާ ހައްދަމުންގެންދާ މި ރުއްތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިމުމުގެ މަސައްކަތް ކުރާނެކަމަށްވެސް އެގްރިކަލްޗަރއިން ވިދާޅުވެއެވެ.

ރާއްޖޭގައި ކާށި ނުލިބޭ ހިސާބަށް ކަންކަން ދިއުމަކީ ގިނަ ބަޔަކު ކަންބޮޑުވާނެކަމެެކެވެ. އަދި ރުކަށް އަރާނެ ބަޔަކު ނެތިގެން ކާށި ނުލިބުމަކީ މާބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް މިކަންކަން ހައްލުކުރެެވެން އޮތީ ސަރުކާރުން ކަންތައްތަކެއް ކުރުމުގެ ބަދަލުގައި ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ކަމާއިބެހޭ ފަރާތްތަކުން މަސައްކަތްތަކެއްކޮށްގެންކަން ޔަގީނެވެ. އެހެންނޫންނަމަ ރާއްޖޭގެ ސަގާފަތާއި އާދަކާދައާއި ގުޅިފައިވާ މިފަދަ ކިތަންމެ ކަމެއް އަޅުގަނޑުމެންގެ ތެރެއިން ނެތިދިއުމުގެ ބިރުވެސް އެބައޮތެވެ.