ޚަބަރު

އަންބާރާއަށް ގެއްލުން ދީފައިވަނީ ރިސޯޓް ހަދާ ކުންފުންޏަކުން ނޫން، ޒިންމާވާކަށް ނުޖެހޭނެ: އީޕީއޭ


ވ.އަތޮޅު އަންބާރާއަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް، އެއީ އެރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ޒިންމާވާން ޖެހޭކަމެއް ނޫންކަމަށް އެންވަޔަރުމަންޓް ޕްރޮޓަކްޝަން އޭޖެންސީ، އީޕީއޭއިން ވިދާޅުވެއްޖެއެވެ. އެ އެޖެންސީން މިހެން ވިދާޅުވީ، އަންބާރާގައި ރިސޯޓްހެދުމަށް ހަވާލުވެ އޮތްފަރާތުން ތިމާވެއްޓަށް ގެއްލުންވާ ކަންތައްތަކެއް ކުރަމުންދާކަމަށް ބުނެ އެއަތޮޅު ކައުންސިލުން ކުރި ރިޕޯޓަކާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެކަމަށް ރިޔާއަތްކޮށް ވ.އަތޮޅު ކައުންސިލަށް އީޕީއޭއިން ފޮނުވާފައި ސިޓީއެއްގައެވެ.

އީޕީއޭއިން ވިދާޅުވީ، އަންބާރާގައި ތިމާވެއްޓަށް ގެއްލުންވާގޮތައް ކަންތައްތަކެއް ކޮށްފައިވާކަން އެއޭޖެންސީ ކުރި ސާވޭއިން ދައްކާކަމަށެވެ. އެހެންނަމަވެސް އެއީ ރިސޯޓްހެދުމަށް ދޫކޮށްފައިވާ ފަރާތުން ދީފައިވާ ގެއްލުންތަކެއްކަމަށް ނުބެލެވޭކަމަށް އީޕީއޭއިން ވިދާޅުވިއެވެ. އަދި އެ އެޖެންސީން ތަންފީޒުކުރާ ގާނޫނާއި ގަވާއިދުތަކާ، އެ ކުންފުނިން ހިލާފުވެފައި ނުވާތީ ރިސޯޓްހެދުމަށް އެރަށް 50 އަހަރަށް ކުއްޔަށްދީފައިވާ ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑުން ކުށްވެރި ނުވާ ކަމަށް އީޕީއޭއިން ވިދާޅުވިއެވެ. އެގޮތައް ނިންމާފައިވަނީ އެރަށަށް ލިބިފައިވާ ތިމާވެށީގެ ގެއްލުން ދެނެގަތުމަށް ހިންގާފައިވާ ތަޙުގީގަށް އެކަން ސާބިތު ވާތީކަމަށްވެސް އީޕީއޭއިން ވިދާޅުވިއެވެ. އަދި ރިސޯޓް ހެދުމަށް އެރަށް ދީފައިވާ ފާރާތް އެކަމުގައި ޒިންމާވާން ނުޖެހޭކަން އަންގާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުކަމަށް އީޕީއޭއިން ވ.އަތޮޅު ކައުންސިލަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.


މިމައްސަލައާ ގުޅިގެން ޕީއެސްއެމްނިއުސްއާ ވާހަކަދައްކަމުން ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ ގެއްލުން ދީފައިވާކަން އެނގޭއިރު އެކަމުގެ ޒިންމާ މިހާރު ހަވާލުވެ އޮތްފަރާތުން ނަގަން ނުޖެހުމަކީ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައިވާކަމަށެވެ.

"އަންބާރާއަށް ގެއްލުން ދިންބަޔަކު ހޯދަން ޖެހޭނެ. ގެއްލުންތަކެއް ލިބިފައި ހުރިކަމަށް ނިންމާފައި ގެއްލުމަށް ޒިންމާވާން ޖެހޭނެ ފަރާތެއް ކަނޑަ ނޭޅުން އެއީ ކަންބޮޑުވުމެއް" ޝުޖާއު އަލީ ވިދާޅުވިއެވެ.

އަންބާރާ އަކީ ގިނަ އަދަދަކަށް ކަނޑޫގަސް އޮންނަރަށެކެވެ. އަދި ގެއްލުން ދީފައިވަނީ މި ކަނޑޫފަލަށެވެ.

އަންބާރާއަލީ ފުރަތަމަ ޕިކް އައިލެންޑެއް ތަރައްޤީކުރަން 2004 ވަނަ އަހަރު ދޫކުރި ރަށެކެވެ. ނަމަވެސް އެރަށުގައި ރިސޯޓެއް ތަރައްޤީކުރަން 2016 ވަނަ އަހަރު އެރަށް ދޫކުރިނަމަވެސް، މާ ބޮޑޫ މަސައްކަތެއް ހިނގާފައެއްނުވެއެވެ. މިކަމާއި ގުޅިގެން އެއަތޮޅު ކައުންސިލާ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.