ޚަބަރު

މާޅޮހުގެ އިޤްތިޞާދާ ގުޅިފައި އޮތް ފެނާ ނަރުދަމާ ނިމުމަކާ ގާތަށް


ބ.މާޅޮހަކީ އެއަތޮޅުގައި އޮތް އެންމެ ފެންތިލަ އެއްރަށެވެ. މިރަށު މީހުން ޒަރޫރީ ބޭނުންތަކުގައި ބޭނުން ކުރުމަށް ރަށު ބިމުން ނަގާފެނަކީ ރައްކާތެރި ފެންނޫން ކަމަށް އެރަށު މީހުން ބުނާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އެރަށު ކައުންސިލުގެ ރައީސް އަބްދުﷲ ސުޖާޢު ވިދާޅުވީ އެކަން މާޒީވެދާން މިހާރު މާގިނަދުވަސްތަކެއް ނެތްކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރި ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ ވަޢުދުގެ ދަށުން މާޅޮހުގައި ސަރުކާރުން އަންނަނީ އެ މަސައްކަތްކުރަމުންނެވެ. އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާކަމަށް އެރަށު ކައުންސިލުން ޤަބޫލުކުރެއެވެ.

ސަރުކާރުން އެރަށުގައި ކުރިއަށް ގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީވެސް މިއެވެ. މިރަށުގެ ރައްޔިތުން ބޭނުންވާ އެންމެ މުހިންމު އަސާސީ ޚިދުމަތަކަށް ފެނާ ނަރުދަމާގެ ޚިދުމަތް ވެފައިވާއިރު، އިޤްތިޞާދީ ގޮތުން ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކަށްވެސް ވެފައިއޮތީ މިދެޚިދުމަތް މިހާތަނަށް ޤާއިމް ވެފައި ނެތުމެވެ.

ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މިރަށުގެ ފެނުން ނުބައިވަސް ދުވުމުމުގެ ޝަކުވާ ރަށަށް އަންނަ ފަތުރުވެރިންގެ ފަރާތުން ކައުންސިލަށް ލިބޭކަމަށާއި، ފަތުރުވެރިކަމުގެ އެވިޔަފާރި ފުޅާކުރުމަށް އޮތްއެންމެ ބޮޑު ހުރަހަކަށް ވެފައިއޮތީވެސް މި ދެޚިދުމަތް އެރަށުގައި ޤާއިމްވެފައި ނެތުންކަމަށް މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއު ވިދާޅުވިއެވެ.

"
"ރައްޔިތުން އެތިބީ އިންތިހާއަށް މިދެޙިދުމަތް ބޭނުންވެފައި އެހެންވީމާ އެމީހުން އުންމީދު ކުރާހާ އަވަހަށް މިކަހަލަ ބޮޑެތި މަސައްކަތްތަކެއް ނިންމައެއް ނުލެވޭނެ، ފަތުރުވެރިިން ކައުންސިލަށް އައިސް މިކަން ހިއްސާކޮށްފައި އެބަހުރި އެއީ މިރަށު ފެނުން ނުބައިވަސް ދުވާތީ އެއީ އެންމެ ރައްކާތެރި ފެންނޫންކަމަށް ބުނެ"
ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއު ވިދާޅުވިއެވެ.

ފެންތިލަ މިރަށުގެ ގެތަކުގައި ފެން ބޭނުން ކުރަނީ ކުދި އޮކްސިޖަން ޕަންޕް ބޭނުންކޮށްގެން ފެނުން ވަސްކަނޑުވައިގެންނެވެ. ރަށުގެ 75 އިންސައްތަ ގޭބިސީއިން މި ގޮތައް ފެންބޭނުން ކުރާއިރު، އެ ފެނުން ވަސްކެނޑުނުކަމުގައި ވިޔަސް އެއީ ބޭނުން ކުރުމަށް އެންމެ ރައްކާތެރި ފެންނޫކަމަށް ސުޖާއު ވިދާޅުވިއެވެ.

ރަށުގެ ފެން ތަޣައްޔަރުވެފައިވާތާ އެތައް އަހަރެއް ވެފައިވާއިރު މިކަންބޮޑުވުން ކުރީގެ ސަރުކާރުތަކާވެސް ކައުންސިލުން ވަނީ ޙިއްސާކޮށްފައެވެ. އެހެންނަމަވެސް އެކަމަށް އެދެވޭ ހައްލެއް ގެނައުމުގެ މަސައްކަތް މިސަރުކާރުން ކުރާކަމީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ފުދުންތައް ފުއްދައި ދިނުމަށް ސަރުކާރުން އިސްކަންދޭކަން ދައްކުވައިދޭކަމަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް އެރަށުގައިފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން މަސައްކަތް ކުރުމުގައި ލަސްތަކެއް ކުރިމަތިވި ނަމަވެސް މިހާރު އެމަސައްކަތް ވަނީ ނިމުމަކާ ގާތްވެފައެވެ.

މި މަޝްރޫޢުގެ ދަށުން ނަރުދަމާ އާއި ފެނުގެ ކޮޅުތައް ގެތަކަށްވައްދާ މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރަމުންދަނީ މީޓަރުތައް ހަރުކުރުމުގެ މަސައްކައެ މަސައްކަތެވެ. އެ މަސައްކަތުގެވެސް 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީ އާއި ހަވާލާދީ މާޅޮހު ކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން އާރުއޯ ޢިމާރާތުގެ މަސައްކަތްތައް ނިންމާ ޕްލާންޓްތައް އިންސްޓޯލްކުރުމާއި، ފެންރައްކާކުރުމަށް ބަހައްޓާ ތާންގީތައް ރޭވުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މިހާރު ނުނިމިވަނީ ސީ އައުޓްފޯލް އެޅުމުގެ މަސައްކަތެވެ. މީގެ އިތުރުން ދެ ޕަންޕިން ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާފައެވެ.
މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދާ އަނެއް މަސައްކަތްތަކީ ރަށުގެ މަގުތަކުގައި ބަހައްޓާފައި ހުރި ޖަންގްޝަންތައް ސާފުކުރުމުގެ މަސައްކަތެވެ.

ފެން ތަޣައްޔަރުވެފައިވާ މާޅޮހު ރައްޔިތުން މިކަމަށް އުންމީދު ކުރާތާ އެތައް އަހަރެއްވީ އިރު، މިޚިދުމަތް އެރަށުގައި ޤާއިމްކޮށްދެއްވާތީ އަދުގެ ސަރުކާރަށް އެރަށު ކައުންސިލުންވަނީ ޝުކުރު އަދާކުރައްވާފައެވެ. ނަޖިސްފެނުން ފެންވަރަމުން އައި މާޅޮހު ރައްޔިތުންނަށް އެކަން މާޒީވެދާން މާގިނަދުވަސްތަކެއް ނެތްކަމަށް އެރަށު ކައުންސިލުން ދެކެއެވެ.