ޚަބަރު

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި


1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ 18 މޭ 2022 ގައި ގެޒެޓް ކޮށްފައިވާ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

މިއުސޫލްގައިވާ ގޮތުން ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، އަދި ކުންފުނީގެ މަގުސަދުތަކުގެ
ތެރޭގައި ޙައްޖަށް މީހުން ގެންދިޔުމުގެ ޚިދުމަތްދިނުން ހިމެނިފައިވާ ސައްތަ އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އަދި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބި ޢުމްރާއަށް މީހުން ގެންދިއުމުގެ 2 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކަށްވެސް ވާންޖެހެއެވެ. އަދި ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާ
ކުންފުންޏަކީ، އެއްވެސް ޤާނޫނަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހޭ ޓެކުހެއް، ނުވަތަ ފީއެއް، ނުވަތަ އަގެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ސާބިތު ދަރަންޏެއް، ނުވަތަ ޖޫރިމަނާއެއް، ޕްރޮޕޯޒަލް ހުށަހެޅުމާ ހަމަޔަށް ދައްކަންޖެހިފައިވާ ކުންފުންޏަކަށް ވެގެން ނުވާނެ ކަމަށްވެސް މިއުސޫލްގައި ބަޔާންކޮށްފައިވެއެވެ.

ޙައްޖަށް މީހުން ގެންދިއުމާ ގުޅޭ ޕްރޮޕޯޒަލް ފޮތާއި، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާސް މިއަދުން ފެށިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގ އޮންނާނީ އަންނަ މަރޗް މަހުގެ 02 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މީޓިންގ ރޫމް 1 ގައެވެ

ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުން އަންނަ މަހުގެ 13 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ 7 ވަނަ މާއްދާގެ (ހ) ގައި ވާ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަންވާނެ ކަމަށް އިސްލާމިކް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފީއަކީ 10,000 (ދިހަހާސް) ރުފިޔާއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ އަންނަ މަރޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ބަލައިގަންނާނެއެވެ. ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމުއްދަތުގެ ތެރޭގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9 އަކުން 12 އަށެވެ.

ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަރޗް މަހުގެ 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޭނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށެވެ. ޕޮއިންޓް ގެ ގޮތުން އެއްވަރުވެއްޖެނަމަ، ހުއްދަދޭނެ ކުންފުނިތައް ކަޑައަޅާނީ ގުރުއަތު ލައިގެންނެވެ.

ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އަންނަނީ 1000 ކޯޓާއެވެ. އަދި ބައެއްފަހަރު އެ 1000 ކޯޓާގެ އިތުރަށްވެސް ކޯޓާ ވަނީ ދީފައެވެ. އެހެންކަމުން އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީވަނީ ވިދާޅުވެފައެވެ. ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާގެ ތެރެއިން ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކަށް ދޭނީ 90 ކޯޓާއެވެ. ހުއްދަ ލިބޭ ކުންފުނިތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 20،000 (ވިހިހާސް) ރުފިޔާ ދައްކަން ޖެހޭނެއެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ލިބޭ ހުރިހާ ކުންފުނިތަކުންވެސް އެ ކުންފުންޏެއްގެ ހަވާލުގައި ޙައްޖަށްދާ ޙައްޖުވެރިންނަށް މިނާގެ ތެރެއިން ޖާގަ ކަށަވަރު ކޮށްދޭންވާނެ ކަމަށާއި، ހުއްދަ ލިބުމަށްފަހުވެސް އެކަން ފުރިހަމަ ނުކުރެވޭނަމަ އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާޠިލުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.