ޚަބަރު

އަމީނީ މަގުގެ ތާރުއެޅި ބައި މިހަފްތާގައި ހުޅުވާލަނީ


އަމީނީ މަގުގައި ތާރު އަޅަފައިވާ ހިސާބު، މިހަފްތާގައި ހުޅުވާލާނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އަމީނީ މަގު ހެންވޭރު ކޮޅުން ސްޓެލްކޯއާއި ހަމައަށް ތާރު އަޅާފައިވާ ހުޅުވާލުމަށްފަހު، ރޯދައިގެން ކުރިން ޢިމާދުއްދީން ސްކޫލާއި ހަމައަށް ތާރު އެޅުމަށް މަސައްކަތްކުރަމުން އަންނަކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، އަމީނީ މަގުގެ ތާރު އަޅާފައިވާ ބައި ހުޅުވާލުމުގެ ކުރިން މިހާރު ކުރިއަށްދަނީ މަގުގެ ކައިރި ފަށް ހަދައި، ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތްކަމަށެވެ.

މީގެ އިތުރުން އަމީނީ މަގުގެ 5ވަނަ ސެގްމަންޓްގެ މަސައްކަތްވެސް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އަމީނީ މަގުގެ ފަސްވަނަ ސެގްމަންޓްގައި ހިމެނެނީ ސިނަމާލޭ ފްލެޓް ހިމެނޭ ބްލޮކުން ފެށިގެން، އިމާދުއްދީން ސްކޫލް ހިމެނޭ ބްލޮކާ ހަމައަށެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީންނެވެ. އާރްޑީސީން ވިދާޅުވީ މަގުގެ މަސައްކަތް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަށްދަނީ، އެމްޓީސީސީން ދޭ ބަހުގެ ޚިދުމަތުގެ ރޫޓަށް އަންނަ ބަދަލުތައް ހަމަޖެއްސުން ކަމަށެވެ. އެގޮތުން ބަސް އަމީނީ މަގަށް ދަތުރުކުރުމަށް ބޭނުންކުރަމުން އައި ކޮއިމަލާ ހިނގުން ބަންދުކުރަންޖެހޭތީ، އޭގެ ބަދަލުގައި އައިމިނާ ރަނި ހިނގުމުން ބަހަށް ދަތުރުކުރެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އާރްޑީސީން ވިދާޅުވެއެވެ. އެގޮތުން އެ މަގު އަޑިގުޑަންވުމުގެ މައްސަލަ ޙައްލުކޮށް، މަގު އެއްވަރުކޮށް ގައު އެތުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އަމީނީ މަގުގެ 4ވަނަ ސެގްމެންޓް ފެށީ މިމަހުގެ 8ވަނަ ދުވަހުއެވެ. އާރްޑީސީން ވިދާޅުވީ އަމީނީމަގު ސެގްމަންޓް 4ގައި ކުރަންޖެހޭ މައިގަނޑު ބޮޑެތި މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އަދި އެމްޑަބްލިއުއެސްސީން އަމީނީމަގުގައި އަޕްގެރޭޑްކޮށް އަޅާފައިވާ ފެން ހޮޅިތައް، ގޭބިސީތަކަށް ގުޅާ ނިމުމާއެކު ސެގްމަންޓް 5ގެ މަސައްކަތްތައް ފަށާނެކަމަށެވެ. ގޭބިސީތަކަށް ފެން ހޮޅިތައް ގުޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އަމީނީމަގު ސެގްމަންޓް 5ގައި މަސައްކަތް ކުރިއަށްދާނީ އަމީނީމަގާއި ކޮއިމަލާ ހިނގުމާއި ގުޅޭ ހިސާބުން ފެށިގެން ރެހެންދި ހިނގުމާއި ހަމައަށެވެ. އެއީ ސިނަމާލެ ފްލެޓްތައް ހިމެނޭ ބްލޮކުން ފެށިގެން އިމާދުއްދީން ސްކޫލް ހިމެނޭ ބްލޮކާއި ހަމައަށެވެ.

އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތުގައި މިހާތަނަށް އައިއިރު ތާރު އެޅުމުގެ މަސައްކަތް ހިމެނޭހެން 3 ސެގްމަންޓްގެ މަސައްކަތް ވަނީ ނިމިފައެވެ. ނަމަވެސް މަގު ހުޅުވާލާނީ މަގުގައި ޓްރެފިކް ނިޝާންތައް ކުރަހާ، ނިޝާންތައް ހަރުކުރުމަށްފަހުގައެވެ. މި މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ސަރުކާރުން މަސައްކަތް ކުރަނީ މަގު ކުރެހުމުގެ މަސައްކަތް ނިމުމާއެކު އާއްމުކޮށް މަގު ހުޅުވާލުމަށެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު، ރަމަޟާން މަހުގެ ކުރިން، އިމާދުއްދީން ސްކޫލާ ހަމައަށް މަގުގެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ޕްލޭނިން މިނިސްޓްރީން ލަފާކޮށްފައިވަނީ، އެހާއިރަށް މަގުގެ 5ވަނަ ސެގްމަންޓާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ނިންމާލެވޭނެކަަމަށެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށްގެންދަނީ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މުޅި ޕްރޮޖެކްޓްގެ މަސައްކަތް އަހަރުގެ މެދުތެރެއަށް ނިންމުމަށް ސަރުކާރުން ވަނީ ޢަމާޒު ހިފާފައެވެ.

އަމީނީ މަގަކީ 1.7 ކިލޯމީޓަރުގެ މަގެކެވެ.