ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފި


ފަރެސްމާތޮޑާ އެއަރޕޯޓުގެ ޢުމްރާނީ ހުރިހާ މަސައްކަތްތައް ނިމި އެއަރޕޯޓް އޮޕަރޭޝަނަށް ގެނައުމުގެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ. އަދި އެއަރޕޯޓުގެ އިންސްޕެކްޝަންގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް މާރޗު މަހުގެ 15 ވަނަ ދުވަހަށް ނިންމުމަށް މިމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން އަންނަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ. އެގޮތުން އެއަރޕޯޓު ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު އެއަރޕޯޓުގެ އިންސްޕެކްޝަންގެ މަސައްކަތްވެސްވަނީ ފަށާފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ކުރަންޖެހޭ ޢުމްރާނީ ތަރައްޤީގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ. އަދި އެއަރޕޯޓްގެ ފަޔަރއަށް ބޭނުންވާ ފަޔަރ ލޮރީ މިހާރު އެރަށަށް ގެންދިޔުމަށް ދަތުރުފަށާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެއަރޕޯޓަކަށް ބޭނުންވާނެ ހުރިހާ ކަމެއް މިހާރުމިވަނީ ޤާއިމުވެފައި. އޮޕަރޭޝަނަށް ގެނައުމަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތްތައް މިހާރު މިދަނީ ކުރަމުން."އާޒިމް ވިދާޅުވިއެވެ.


ފަރެސްމާތޮޑާ އެއަރޕޯޓްގެ އިންސްޕެކްޝަންގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު މިހާތަނަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި، މޯލްޑިވްސް ސިވިލް އެވިއޭޝަން އޮތޯރިޓީއާއި، ޑައިރެކްޓޮރޭޓް އޮފް އެވިއޭޝަން(ޑާސާ)އާއި، ރީޖަނަލް އެއަރޕޯޓްސްއާއި، އައިލެންޑް އެވިއޭޝަން ސަރވިސްގެ އިތުރުން އެމްޓީސީސީގެ ޓެކްނިކަލް ބޭފުޅުން ބަލަންޖެހޭ ކަންކަން މިހާރު ބެލުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށް ތަރައްޤީކުރާ ފަރެސްމާތޮޑާ އެއަރޕޯޓުގައި 1200 މީޓަރުގެ ދިގު ރަންވޭއެއްވަނީ ޤާއިމުކޮށްފައެވެ. އަދި މިހާރު ފަޔަރ ސްޓޭޝަނާއި އެއަރޕޯޓުގެ ވަށައިގެން ޖަހަންޖެހޭ ފެންސް ޖެހުމުގެ މަސައްކަތް އެއްކޮށްވަނީ ނިންމާލާފައެވެ. އަދި ރޭގަނޑު ފްލައިޓް ޖެއްސުމަށް ބޭނުންވާ ލައިޓް ހަރުކުރުމުގެ ހުރިހާކަމެއްވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ އެރަށުގެ ފަޅުތެރޭގައި ހުރި ރަށްތައް ހިއްކައިގެން ތަރައްޤީކުރި އެއަރޕޯޓެކެވެ. މިއެއަރޕޯޓަކީ މިހާތަނަށް ރާއްޖޭގައި ތަރައްޤީކުރި އެންމެ ތަފާތު ޑިޒައިންގެ އެއަރޕޯޓެވެ. އެމްޓީސީސީގެ ފަންނީ ބޭފުޅުންގެ މަސައްކަތުން މިއެއަރޕޯޓު ފަރުމާކޮށްފައިވަނީ ދިވެހި ވަންތަ އަދި ޒަމާނީ ގޮތަކަށް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.