ޚަބަރު

މާލޭ ސިޓީ ކައުންސިލުން ދޭ ބައެއް ޚިދުމަތްތަކުގެ ފީ ކުޑަކޮށްފި


މާލެއާއި ވިލިމާލެގެ ބައެއް ޚިދުމަތް ތަކުން ނަގަމުން އަންނަ ބައެއް ފީ ކުޑަކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަ ކުރުމަށް ނިންމާފައިވަނީ މާލޭސިޓީ ކައުންސިލްގެ މުނިސިޕަލް ސާރވިސަސް ކޮމިޓީއިންނެވެ. މި ކޮމިޓީން ވަނީ މާލެއާއި ވިލިމާލޭގެ ފަޅުތަކާއި ބަނދަރުތައް ބޭނުން ކުރުމާއި، އެތަންތަނުން އުޅަނދުފަހަރަށް ފައްތިޔާގެ ފީ ކުޑަކުރުމަށް ނިންމާފައެވެ. އަދި ފަޅު ހުއްދަ ފީނެގުމުގެ އިތުރުން މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ އަގު ހެޔޮކުރުމަށްވެސް މާލެ ސިޓީ ކައުންސިލުގެ މުނިސިޕަލް ސަރވިސް ކޮމިޓީއިންވަނީ ނިންމަފައެވެ.

މި އަގުތަކަށް އައިބަދަލާއި އެކު ކަންކަމާއި ގުޅޭ އަގުލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޢާންމުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ނަގަމުން އައި ފީއަށް ގެނެސްފައިވާ ބަދަލުގެ ތެރޭގައި މަގު ބަންދުނުކޮށް މަސައްކަތްކުރުމަށް ދޫކުރާ ބޯޑު 24 ގަޑިއިރަށް ނަގާ ފީ ވަނީ 100ރ އަށް ކުޑަކޮށްފައެވެ. އަދި ބޯޑު ހަވާލުކުރަން ޖެހޭ ވަގުތު ހަމަވުމަށް ފަހު އިތުރުވާ ކޮންމެ ދުވަހަކަށް 150ރ. ދައްކަން ޖެހޭކަމަށް ފީގެ އުސޫލުގައިވެއެވެ. މަގު ބަންދުކޮށްގެން މަސައްކަތް ކުރުމުގެ ހުއްދަ، އަދި އުމްރާނީ ގޮތުން ކުރާ މަސައްކަތްތަކަށް ފުރަތަމަ 6 ގަޑިއިރަށް ނަގާނީ 250ރ. އެވެ. އަދި އިތުރުވާ ކޮންމެ ގަޑިއިރަކަށް 100ރ. ނަގާނެކަމަށް ފީއަށް ގެނައި ބަދަލުގައިވެއެވެ.

މީގެ އިތުރުން ފީއަށް ގެނައި ބަދަލުތަކުގެ ތަފްސީލް ހިމެނޭ އަގުލިސްޓް ގެޒެޓުގައި ޝަޢިއުކޮށް އިއްޔެއިން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.