ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ހުޅުވާލައިފިއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީމް މަހުގެ 15 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، ކުރިމަތިލާން މިއަދު ވަނީ ހުޅުވާލާފައެވެ.
އެމްޑީޕީން ވަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މާޗް މަހުގެ 11ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައެވެ. މިޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން މާޗް 2ވާ ބުރާސްފަތި ދުވަހުގެ 16:00 އަށް އެޕާޓީން ވަނީ ހުޅުވާލާފައެވެ. މިޕްރައިމަރީގައި ވާދަކުރައްވަން ބޭނުންވާ އެމްޑީޕީގެ މެންބަރުން ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާކަން ހާމަކޮށްދޭ 100 މެންބަރުންގެ ތާއީދުފޯމާއިއެކު ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ވަނީ ހުޅުވާލާފައެވެ.
ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިމަހުގެ 22 ވަނަ ދުވަހުގެ ރޭ މެލޭޝިއާގައެވެ.
އިދިކޮޅު ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މަޖިލިސް ތަމްސީލުކުރައްވަމުން ގެންދެވި ރިޒާއަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ. ރިޒާ ވަނީ، ނިމުނު 3 ދައުރުގައިވެސް މެންބަރުކަން ކުރައްވާފައެވެ.