ޚަބަރު

އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމުގައި އަބަދުވެސް ރާއްޖެ ދެމިއޮންނާނެ: ޝާހިދު


ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ކިތަންމެ ކުޑަ ގައުމަކަށްވީނަމަވެސް، އަބަދުވެސް އިންސާނީ ހައްގުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގެ ކުރިން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދަކީ ދިވެހިރާއްޖެ ތިންވަނަ ފަހަރަށް މި މަޖިލީހަށް ހޮވި މެންބަރު ގައުމެއްގެ ހައިސިއްޔަތުން މި މަޖިލީހުގެ ބައްދަލުންވުންތަކުގައި ބައިވެރިވާނެ ފުރަތަމަ ފަހަރުކަމުގައެވެ. މިނިސްޓަރ ވަނީ ރާއްޖެއަކީ އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ މަޖިލީހުގެ ބިއުރޯގެ 2023 ވަނަ އަހަރަށް ހޮވިފައިވާ އެއް ނައިބު ރައީސްކަންވެސް ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ 2006ވަނަ އަހަރު އދގެ އިންސާނީ ހައްގުތަކާއިބެހޭ މަޖިލިސް އުފެދުނީންސުރެ ރާއްޖެއަކީ އެމަޖިލީހުގައި ހިނގާ މުހިންމު ކަންކަމުގައި މަސްއޫލުވެ އިންސާނީ ހައްގުތަކާއިބެހޭ އެކި ކަންކަމުގައި ވަކާލާތުކުރަމުން އަންނަ ގައުމެއްކަމަށެވެ.

މީގެ އިތުރުން މި ފެށޭ ބައްދަލުވުމުގައި ދިވެހި ހާރިޖިއްޔާއިން މަސައްކަތް ކުރަމުންދާނީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކަށް ތަބާވުމަށް ގޮވާލާ، އިންސާނީ ހައްގުތައް ދެމެހެއްޓުމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދޭދޭ ގައުމުތާއެކު ދިވެހިރާއްޖެއިން ގާއިމްކޮށްފައިވާ ބައިލެޓްރަލް ގުޅުންތައް އިތުރަށް ވަރުގަދަކުރުމާއި މިންތީގެ ހަމަހަމަކަމަށް ގޮވާލާ ވަކާލާތުކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު އެންމެހާ ރައްޔިތުންނަށް މި ޔަގީންކަން އަރުވަނީ މި ފެށޭ ބައްދުލުވުމުގައި ދިވެހި ޚާރިޖިއްޔާއިން މަސައްކަތް ކުރަމުންދާނީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކަށް ތަބާވުމަށް ގޮވާލާ، އިންސާނީ ހައްގުތައް ދެމެހެއްޓުމަށްކަން" ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.


މީގެ އިތުރުން މޫސުމަށް އައްނަ ބަދަލުތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް ބުރުއަރަމުންދާކަން ފާހަގަކުރައްވާ، މިނިސްތަރ ވަނީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ތަކުގައި މަދަނީ ޖަމިއްޔާ ޖަމާއައްތަކާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ގޮވާލައްވާނެކަމަށްވެސް ހާމަކުރައްވާފައެވެ.

މިއަދުން ފެށިގެން އޭޕްރީލް ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުންތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން ދުނިޔެއަށް އިތުރަށް ހާމަވެ ބައިނަލްއަޤްވާމީ މަސްރަހުގައި ރާއްޖެއަށް ލިބިފައިވާ ގަދަރު އުފުލިގެން ދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އ.ދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހަކީ، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރާ މައި ކައުންސިލެވެ.