ޚަބަރު

މިހާރު ދުރާލާ ބުކިން ނުހަދައި ކުޑަގިރިއަށް ދެވޭނެ


މާލެ ސަރަޙައްދުގައި ތަރައްޤީކުރި ކުޑަގިރި ޕިކްނިކް އައިލެންޑަށް ދާން ދުރާލާ ބުކިން ހައްދަންޖެހޭގޮތަށް އޮތް އޮތުން އުވާލައިފިއެވެ. މިހާރު ބުކިން ނުހައްދައި ފެރީ ފުރާ ކޮންމެ ގަޑިއެއްގައިވެސް ކުޑަގިރިއަށް ޕިކްނިކް ދެވޭނެއެވެ.

ކުޑަގިރިއަށް ދިއުމަށް މިހާރު ދުރާލާ ބުކިން ނުހެއްދިނަމަވެސް، ދަތުރުގޮސް ބޭނުންކުރާ އަށި ފަދަ ތަންތަން ނަގަން، ކުޑަގިރި އެޕްލިކޭޝަނުން ބުކިން ހަދަން ޖެހޭނެއެވެ. އަދި އެރަށުގައި ހަދާފައިވާ ރޫމްތައް ބޭނުންކުރުމަށްވެސް ދުރާލާ ބުކިން ހައްދަން ޖެހެއެވެ.

ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ރަށަށް ދަތުރުކުރުމާއި އަދި ރަށަށް އެރުމަށް ފީއެއް ނަގައެވެ. އެގޮތުން ދެކޮޅު ފެރީ ދަތުރާއި އެންޓްރެންސް ފީއަށް ބޮޑު މީހެއްގެ އަތުން 100 ރުފިޔާ ނަގައެވެ. އަދި 2އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް 50 ރުފިޔާ ނަގައެވެ. 2 އަހަރުން ދަށުގެ ކުދިންނަކަށް ފީއެއް ނުނަގާނެއެވެ.

އެޗްޑީސީން ކަނޑައަޅާފައިވާގޮތުން ކުޑަގިރިއަށް ދާ ފަރާތްތަކުގެ ތެރެއިން އަށި ނަގަން ބޭނުންވާ ފަރާތްތަކުން އަގެއް ދައްކަން ޖެހޭނެއެވެ. ރަށުގައި 13 ކުޑައަށްޓާއި، 4 ބޮޑު އަށި ހުރެއެވެ. މީގެތެރެއިން ކުޑަ އަށްޓެއް ވިއްސަކަށް މީހުންގެ ގްރޫޕަކަށް ބޭނުންކުރެވޭނެއެވެ.

އަށީގެ އަގު ކަނޑައަޅާފައިވަނީ ދެ ގޮތަކަށް އަށި ނެގޭގޮތަށެވެ. އެގޮތުން ދުވަހެއްގެ އެއްބަޔަށް ކުޑައަށި ނަގާނަމަ 250 ރުފިޔާ، އަދި މުޅި ދުވަހަށް ނަގާނަމަ 500 ރުފިޔާއަށެވެ. ބޮޑު އަށްޓެއް ސާޅީހަކަށް މީހުންގެ ގްރޫޕަކަށް ބޭނުން ކުރެވޭނެއެވެ. މި އަށި ވަކި ގްރޫޕަކުން އެއްކޮށް ނަގާނަމަ ބައި ދުވަހަށް 650 ދައްކަން ޖެހޭނެއެވެ. އަދި މުޅި ދުވަހަށް ނަގާނަމަ ދައްކަން ޖެހޭނީ 1200 ރުފިޔާއެވެ.

ބޮޑު އަށްޓެއް ދެ ގްރޫޕަށް ބަހާނަމަ ބައި ދުވަހަށް ގްރޫޕަކުން ދައްކަން ޖެހޭނީ 250 ރުފިޔާއަށެވެ. އަދި މުޅި ދުވަހަށް ނަގާނަމަ ގްރޫޕަކުން ދައްކަން ޖެހޭނީ 450 ރުފިޔާއެވެ.

ކުޑަގިރިއަށް ދަތުުރުކުރުމަށް ޕަބްލިކް ފެރީ ދަނީ ބާއްވަމުންނެވެ. ނަމަވެސް އަމިއްލައަށް ނަގައިގެން ދާ އުޅަނދުތަކަށް ރަށުގެ ފަޅުތެރޭގައި އަޅާފައި ބޭއްވުމުގެ ފީއެއްގެ ގޮތުގައި 300 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި މުޅި ދުވަހައް ބާއްވާނަމަ 500 ރުފިޔާ ދައްކަން ޖެހޭނެއެވެ.