ޚަބަރު

އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ މަޖިލީހަށް، މެންބަރުންގެ ޚިޔާލު ތަފާތު


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައަޅައިފިއެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މައްސަލަ ބަލައިގަނެ މަޖިލީހުގައި ބަހުސް ކުރުމަށް ފާސްވީ 33 މެމްބަރުންގެ ވޯޓުނެވެ.

މެންބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ، ބީއެމްއެލްގެ ބައެއް އެކައުންޓުތަކުން ގިނަ ޢަދަދަކަށް ފައިސާ އެކި ގޮތްގޮތަށް ގެއްލެމުންދާކަމަށް ބުނެފައެވެ. މިފަދަ މައްސަލަތައް ކުރިމަތިވަނީ މީހާގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ފޯނު ނުވަތަ އިންޓަރނެޓް މެދުވެރިކޮށްކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.



މައްސަލަ ހުށަހަޅުއްވަމުން މެންބަރު ނަޝީދު ވިދާޅުވީ މިހާރަކަށް އައިސް ބީއެމްއެލްގެ އެކައުންޓްތަކުން އެކި ގޮތްގޮތަށް ފައިސާ ގެއްލެމުންދާއިރު، އެ މައްސަލަ ބީއެލްއެމްއެލަށް އަދި ފުލުހުންނަށް ހުށަހެޅި ނަމަވެސް އެ ފައިސާ ނުލިބި އަދި ގިނަ ގުނަ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ. އަދި އެހެން ބޭންކުތަކަށް އެ މައްސަލަ ކުރިމަތި ނުވާކަމަށް ވިދާޅުވެ މެންބަރު ނަޝީދު ވަނީ ބީއެމްއެލްގެ އިތުބާރު ގެއްލިފައިވާ ކަމަށް ހާމަކުރައްވާފައެވެ.

"ބީއެމްއެލްގެ އެކި ބްރާންޗްތަކުން އިންނަނީ މާލެއަށް ވަކި އުސޫލެއް، ރާއްޖެ ތެރެއަށް ވަކި އުސޫލެއް. މިކަންތައް ހައްލު ކުރަންވެސް އެބަޖެހޭ ކަންނޭގެ މީގެ ތެރެއިން މަސައްކަތް ކުރަން. ނޫނީ ދިވެހިންގެ ބޭންކަށް ދިވެހިން ކުރަމުން އައި އިތުބާރު ގެއްލި ރާއްޖޭގެ މައި ބޭންކު ބަނގުރޫޓްވާ ހިސާބަށް ކަންކަން ގޮސްދާނެ" މެންބަރު ނަޝީދު ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ މިމައްސަލަ ހައްލު ކުރުމުގައި އެމްއެމްއޭއާއި، ފުލުހުންގެ ދައުރުވެސް އިތުރަށް ބޮޑުކުރަންޖެހޭކަމަށެވެ. މިއީ މުޅި ރައްޔިތުންގެ މަޞްލަހަތު އޮތް ބޮޑު މައްސަލައެއްކަމަށާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް އިލްޔާސް ވިދާޅުވިއެވެ.

"އެމްއެމްއޭގެ އިތުރަށް ބޭންކް އޮފްމޯލްޑިވްސް ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ. ހަމަ އެކަނި މިވާހަކަ ދައްކާލާ މިއީ އައިޓީ ޑިޕާޓްމަންޓުގެ ކަމެކޭ ނުވަތަ މިކަހަލަ މައްސަލަތަކެއް ހުރެގެން ނުވަތަ ބޭންކް އޮޕަރޭޓް ކުރާ މީހާގެ މައްސަލަ ހުރެގެންވިޔަސް އަދި ކޮންމެ މައްސަލައެއް އޮވެގެންވެސް މިކަން އެބަހިނގާ. މިކަން ހުއްޓުވަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން އެބަޖެހޭ." އިލްޔާސް ލަބީބް ވިދާޅުވިއެވެ.

މިމައްސާގައި ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ފައިސާ ގެއްލޭ މައްސަލައަކީ އެކަމުގައި ކަސްޓަމަރުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށެވެ. އޭނާއަކީވެސް ބޭންކް އޮފް މޯލްޑިވްސް އުފެދުނީއްސުރެއް އެ ބޭންކުގެ ކަސްޓަމަރެއްކަމަށާއި، ނަމަވެސް ދުވަހަކުވެސް ފައިސާ ނުގެއްލޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. ކަސްޓަމަރުންވެސް މީހާގެ އަމިއްލަ ޒާތީ މައުލޫމާތު އެހެން މީހުންނަށް ނުލިބޭނެގޮތަށް މަސައްކަތްކުރުމަށްވެސް ޝަރީފް ގޮވާލެއްވިއެވެ.

"ކަސްޓަމަރުން ވެސް އެބަ ޖެހޭ ސަމާލުވާން. ހަގީގަތުގައި ރަނގަޅަށް ބަލައިފިއްޔާ ފައިސާ ގެއްލިފައި ހުންނަނީ ކަސްޓަމަރުންގެ ފަރުވާކުޑަކަމުން. މިއީ ހަގީގަތް." ޝަރީފް ވިދާޅުވިއެވެ.

އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލާގެ ބަހުސްގައި މެންބަރުން ދެއްކެވި ވާހަތަކާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ ވައްކަމުގެ މައްސަލަތަކަކީ ބޭންކަށް ހައްލު ކުރެވޭނެ މައްސަލަތަކެއް ނޫންކަމަށެވެ. ވައްކަމުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނީ ފުލުހުން ކަމަށާއި، މިފަދަ މައްސަލަތައް ހައްލުކުރެވޭނީ ފުލުހުންގެ ދައުރުވެސް އަދާކޮށްގެންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ މިއީ ޢާންމު ރައްޔިތުންނަށް ގުޅުން އޮތް ސީރިއަސް މައްސަލައެއްކަން ފާހަގަކުރައްވާ، މިމައްސަލަ މަޖިލިސް ތެރެއިންވެސް ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ.