ޚަބަރު

ހުޅުމާލޭގައި އޮފީސް އިމާރާތް އަޅަން ބިން ވިއްކަނީ


ހުޅުމާލޭގައި އޮފީސް އިމާރާތް ހަދަން ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.

އޮފީސް އިމާރާތް އެޅުމަށް 5 ބިމެއް ވިއްކުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން ހުޅުމާލެއިން 6،100 އަކަފޫޓުގެ 3 ޕްލޮޓަކާއި 9،600 އަކަފޫޓުގެ 2 ޕްލޮޓު އޮފީސް އިމާރާތް ހަދަން ވަނީ ހުޅުވާލާފައެވެ.

އެޗްޑީސީން ވިދާޅުވީ މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ %100 ދިވެހި ވިޔަފާރިތަކަށްކަމަށެވެ. އަދި ބިން ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް އެންމެ ކުޑަ ވެގެން 4500 ރުފިޔާގެ މަގުންނެވެ.

އޮފީސް އިމާރާތް އެޅުމަށް 6،100 އަކަފޫޓުގެ ބިމަކަށް އެދޭ ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި 9،600 އަކަފޫޓުގެ ބިމަކަށް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 1،000،000ރުފިޔާ ދައްކަން ޖެހެއެވެ.

އެޗްޑީސީން ވިދާޅުވީ އޮފީސް އިމާރާތްތައް އަޅަން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ޓްރީ ޓޮޕް ސަރަހައްދުން ކަމަށެވެ. އޮފީސް އިމާރާތް ހަދާއިރު ކޮމާޝަލް ބައެއްވެސް ހިމަނަން ވަނީ ކަނޑައަޅާފައެވެ. އަދި ބޭސްމެންޓް ޕާކިން އޭރިއާއެއް ވެސް ހިމަނަން ޖެހެއެވެ. މީގެ އިތުރުން ކެފޭ އާއި ރެސްޓޯރެންޓްތައް ވެސް އެ އިމާރާތުގައި ހުންނަން ޖެހެއެވެ.

އޮފީސް އިމާރާތްތައް އެޅުމަށް ބިން ގަންނަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ 10 ދުވަހުގެ މުއްދަތެއްދީފައެވެ. އެކަމަށް އެދި ބިޑަށް ހުށަހަޅަން ޖެހެނީ އެޗްޑީސީގެ ވެބްސައިޓުގައިވާ ޕޯޓަލަށެވެ.