ޚަބަރު

ނޫ ރާއްޖެ - ކަނޑުތަކުގެ ޚާއްޞަ ދިރާސާ މިފަހަރު ދެކުނަށް


ރާއްޖޭގެ ކަނޑުފަޅުތަކުގެ ބޭނުންކުރެވޭނެ ގޮތާއި ގުޅޭގޮތުން އެކުލަވާލާ 'މެރިން ސްޕޭޝަލް ޕްލޭން'ގެ 3ވަނަ ދިރާސާ މިއަދު ފަށައިފިއެވެ. މިފަހަރުގެ ދިރާސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގައި ހިމެނޭ ނޭޝަނަލް ޖިއޮގްރެފިކް ޕްރިންސްޓީން ސިސްއާއި ގުޅިގެންނެވެ.

ރާއްޖޭގެ ކަނޑުފަޅުތަކުގެ ބޭނުންކުރެވޭ ގޮތްތައް ތަރުތީބުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ބޮޑު ދިރާސާއެއް ކުރަމުންނެވެ. މިމަސައްކަތްކުރުމަށް 'ނޫ ރާއްޖެ' ނަމުގައި ޚާއްސަ ޙަރަކާތެއް ރާއްޖޭގައި ވަނީ ފަށާފައެވެ. ނޫ ރާއްޖެއިން މަސައްކަތް ކުރަމުން އަންނަނީ މުޅި ދުނިޔޭގެ ކަނޑުތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްކުރާ ބްލޫ ޕްރޮސްޕެރިޓީއާއި ގުޅިގެން ކަނޑުތަކާއި ގުޅޭ ގިނަ ދިރާސާތަކެއް ކުރަމުންނެވެ. މި ދިރާސާގެ ތިންވަނަ މަރުޙަލާގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގައި ހިމެނޭ ނޭޝަނަލް ޖިއޮގްރެފިކް ޕްރިންސްޓީން ސިސް ޓިމާއި ގުޅިގެން ކުރިއަށްގެންދާ ދިރާސާގެ މިބައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ހުވަދު އަތޮޅާއި، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ކަނޑުފަޅުތަކާއި ގުޅޭގޮތުންނެވެ. މިމަސައްކަތް އަންނަ މާޗް މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.


ރާއްޖޭގެ ކަނޑުފަޅުތަކާއި ގުޅޭ 'މެރިން ސްޕޭޝަލް ޕްލޭން' ނުވަތަ ކުރިމަގުގައި ރާއްޖޭގެ ކަނޑު ފަޅުތައް ޙިމާޔަތްކުރުމާއި މި ސަރަޙައްދުތައް ބޭނުންކުރާނެ ގޮތްތައް، ކަރުދާހަށް ތިރިކުރުމަށް ބޭނުންވާ ގިނަ މަޢުލޫމާތުތަކެއް ވޭތުވެދިޔަ 2 އެކްސްޕެޑިޝަން ނުވަތަ ދިރާސާގެ ބައިތަކުގެ ތެރެއިންވެސްވަނީ ހޯދާފައެވެ. މިފަހަރުގެ އެކްސްޕެޑިޝަންއާއެކު މުޅި ދިރާސާ އެކުލަވާލުމަށް މަދުވާ ގިނަ މަޢުލޫމާތުތަކެއް މިފަހަރުގެ ދިރާސާއިން ލިބިގެންދާނެކަމަށް ނޫ ރާއްޖެ ޓީމުން ފާހަގަކުރައްވައެވެ. މިފަހަރުގެ އެކްސްޕެޑިޝަންގައި ދިވެހި ސައިންސްވެރިއެއްގެ ގޮތުގައި ނޫރާއްޖޭގެ ސައިންޓިސްޓް މާއިޝާ މުޙައްމަދު ވަނީ ބައިވެރިވެފައެވެ. މާއިޝާއާއިއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ސައިންސްވެރިން ބައިވެރިވާނެއެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުތަކަށް އަމާޒުކޮށްގެން ހިނގާ މިއެކްސްޕެޑިޝަންގައި ސައިންސްވެރިން ދެކުނުގެ ކަނޑުތަކުގެ ޙާލަތު ދެނެގަތުމަށް ބެއިޓެޑް ރިމޯޓް އަންޑަރ ވޯޓަރ ވީޑިއޯ ސިސްޓަމްސްއާއި، ޑީޕް ޑްރޮޕް ކެމެރާ ސަރވޭއާއި، މިކްރޯޕެލިއޯގެ އިތުރުން މައިކްރޯޕްލާސްޓިކް ސާމްޕްލިންގ ފަދަ އުކުޅުތައް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް ނޫ ރާއްޖެ ޓީމުން ފާހަގަކުރައްވައެވެ.


ރާއްޖޭގެ ކަނޑުފަޅުތަކާއި ގުޅޭގޮތުން ތައްޔާރުކުރާ 'މެރިން ސްޕޭޝަލް ޕްލޭން' އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މީގެކުރިންވެސްވަނީ އެކްސްޕެޑިޝަންތައް ކުރިއަށްގެންގޮސްފައެވެ. މިފަހަރުގެ އެކްސްޕެޑިޝަންއަށްފަހުގައި، އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ސައިންޓިފިކް ރިޕޯޓަކާއި ޑޮކިއުމަންޓްރީ ވީޑިއޯއެއް ތައްޔާރުކުރުމަށްވަނީ ހަމަޖެހިފައެވެ.

މިދިރާސާއަށް ލިބޭ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ވެއްޓާއި ގުޅޭގޮތުން ދެނެގަނެވޭ ކަންކަމުގެ މައްޗަށް ސިޔާސަތުތައް ބައްޓަންކުރެވުމުގެ ސަބަބުން ދެމެހެއްޓެނިވިގޮތެއްގައި ވެށި ޙިމާޔަތްކުރުމަށް ބާރުލިބެއެވެ. މި ދިރާސާއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ރާއްޖޭގެ ކަނޑުފަޅުގެ 20 އިންސައްތަ ޙިމާޔަތްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މިދިރާސާގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގައެވެ.