ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އެކި ވަޞީލަތްތަކާއެކު ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން މިހާރުވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' ހުށައެޅުމަށް ޢިއުލާންކޮށްފައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން، ކޮމިއުނިޓީ ސެންޓަރު ހެދުމަށް ނިންމާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނެއިބަރހޫޑް 2 ގައެވެ. އަމީން އެވެނިއުގެ ފުރަގަހުގައި އޮތް ސަރަޙައްދުން 14000 އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއް މިމަޝްރޫޢަށް ދޫކުރުމަށް އެޗްޑީސީންވަނީ ނިންމާފައެވެ. ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމަށް ހުޅުވާލާފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކޮމިއުނިޓީ ސެންޓަރު ތަރައްޤީކޮށް ހިންގާގޮތަށް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނެއިބަރހުޑް 1 ގައި ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމަށް ނިންމާފައިވާ މައިގަނޑު ބޭނުމަކީ އިތުރުވަމުންދާ ހުޅުމާލޭގެ އާބާދީއާއެކު ޢާއްމުންނަށް އެކި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުން ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މިގޮތުން މިތަންވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ސިނަމާއާއި ލައިބްރަރީއާއި ފޮތް ފިހާރަތަކާއި ކުޅިވަރުގެ އެކި ޙަރަކާތްތަކާއި ޢާއްމުންނާއި އެކި އިދާރާތަކުން ބާއްވާން އެދޭ، އިވެންޓްތައް ބޭއްވޭނެފަދަ އިންތިޒާމުތަކާ އެކުގައި ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މީގެއިތުރުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެދޭނަމަ ޢާއިލާއާއި އެކުވެރިންނާއެކު ދެވޭނެ ފަދަ ތަންތަނުގެ ގޮތުގައި ފޮޓޯ ބޫތް ފަދަ ތަންތަން ހެދުމުގެ ހުއްދަދިނުމަށް އެޗްޑީސީންވަނީ ނިންމާފައެވެ.
Invitation for Submission of Expression of Interest (EOI)- Development of a Community Centre.
— HDC (@hdcmaldives) February 25, 2023
Announcement link:https://t.co/f9pn5HTYMe pic.twitter.com/NF2mVNXEQp
ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާޗްމަހުގެ 9 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެޗްޑީސީގެ މައި އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ލިޔެކިޔުންތައް ފޮނުވުމަށްވަނީ ހުޅުވާލާފައެވެ.
މިޢިއުލާނާއެކު އެޗްޑީސީންވަނީ ކޮމިއުނިޓީ ސެންޓަރުގައި ހުރުން ލާޒިމު ކަންކަން ހިމެނޭ އުސޫލެއްވެސް ޢާއްމުކޮށްފައެވެ. މިގޮތުން 7 ފަންގިފިލާއަށް މިތަން ތަރައްޤީކުރުމުގެ ފުރުސަތު އޮތްއިރު އެތަނުގައި ހުރިހާ ފަރާތަކަށްވެސް ވަދެނިކުމެވޭނެ ފަދަ އިންތިޒާމުތައް ހުންނަޖެހެއެވެ. އަދި މިތަނުގައި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ހުންނަންޖެހެއެވެ. ހަމައެއާއެކު ކޮމިއުނިޓީ ސެންޓަރަށް އަންނަ މީހުންނަށް ބޭނުންވާނެ އެކަށީގެންވާ ޕާކިންއަކާއި މިތަނުގައި އުފައްދާނެ ކުނި މެނޭޖްކުރެވޭނެ ގޮތުގެ ޕްލޭނެއްވެސް އޮންނަންޖެހެއެވެ. އަދި މިޢިމާރާތް ތަރައްޤީކުރުމުގައި ތިމާވެއްޓާ ރައްޓެހި، ޚަރަދުކުޑަ އަދި ދެމެހެއްޓެނިވި ގޮތަކަށް ޑިޒައިން ކުރުމަށް އެޗްޑީސީން އެދެއެވެ.
ހުޅުމާލޭ ނެއިބަރހޫޑް 1 ގައި ޤާއިމުކޮށްފައިވާ ކޮމިއުނިޓީ ސެންޓަރަކީވެސް އެތަނުން ގިނަ ބަޔަކު ޚިދުމަތް ހޯދާ ތަނެކެވެ. އެޗްޑީސީގެ އަމާޒަކީ ޢާއްމުންނަށް ބޭނުންތެރި ސްމާޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީކުރުމެވެ. ހުޅުމާލެ ތަރައްޤީކުރަނީ މާސްޓަރ ޕްލޭނަކާއެކުގައެވެ.