ޚަބަރު

ސަރުކާރުން މަސައްކަތްކުރައްވަނީ އިޤްތިޞާދު ކޮޅަށްޖެހުމަށް- ރައީސް


ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަކީ ވީރާނާ ވެފައިވާ އިޤްތިޞާދުތައް ނަގާ ކޮޅަށް ޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އުކުޅަހުގެ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙުކުރެއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރި ސާފު ބޯފެން ލިބިދޭ ނިޒާމެއް އުކުޅަހުގައި ޤާއިމުކުރެއްވުމަށް ސަރުކާރުން ހިންގެވި މަޝްރޫޢު ނިންމަވައި ފެނުގެ ޚިދުމަތް ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ވިދާޅުވީ ސަރުކާރުން ކޮންމެ މަޝްރޫޢުއެއް ކުރިގެންދަވަން ވިސްނިކަމުގައިވިޔަސް، އެކަމެއް ކުރިއަށްދާނީ އަދި ފުރިހަމަ ގޮތުގައި ނިންމާލެވޭނީ ރައްޔިތުން ގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ގެ  ވާހަކަފުޅުގައި ވިދާޅުވީ އުކުޅަހުގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް ކުރިއަށްގެންދެވި ސްޓެޓިކް ކޮމްޕެނީން އެ ރަށުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ސާޅީސް އިންސައްތަ ޚަރަދުކުރުމަށް ނިންމަވާފައިވާތީ، މިމަސައްކަތުގައި، ސަރުކާރުގެ އެހީއާއެކު މިއަހަރު އުކުޅަހުގައި ނަރުދަމާ ނިޒާމްގެ މަސައްކަތް ޤާއިމްކުރައްވާނެ ކަމަށެވެ. ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެން ލިބިދޭ ނިޒާމެއް އުކުޅަހުގައި ޤާއިމުކުރެއްވުމަށް ސަރުކާރުން ހިންގެވި މަޝްރޫޢު ނިންމަވައި ފެނުގެ ޚިދުމަތް ދެއްވުން އިފްތިތާޙުކޮށްދެއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިގް އިބްރާހީމް ވިދާޅުވީ އަތޮޅުތަކުގައި މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ މަޝްރޫޢުތައް ބާރު ސްޕީޑެއްގައި ކުރިއަށްގެންދެވުމަށް ރައްޔިތުން އެއްބާރުން ބެނުންވާކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކަށް ވާނީވެސް ރައްޔިތުން ބޭނުންވާ ކަންތައްތައް ފުއްދަވާދެއްވުންކަމަށް މިނިސްޓަރ ޠާރިޤްގެ ވާހަކަފުޅުގައި ފާހަކަކުރެއްވިއެވެ. ރައްކާތެރި ސާފުފެން ލިބިދޭ ނިޒާމެއް އުކުޅަހުގައި ޤާއިމުކުރެއްވުމުގެ މަޝްރޫޢު ރަމްޒޫކޮށްދޭ ބިނާ ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހުޅުވައްދެއްވާފައެވެ. އއ. އުކުޅަހުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.