ޚަބަރު

މާލެއާއި ހުޅުމާލެ ކަރަންޓް ވިއުގަ ގުޅުވާލަން ޑިޒައިން ކުރަނީ


މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅުވާލުމަށްޓަކައި ޑިޒައިން ހަދާނެ ފަރާތެއް ހޯއްދެވުމަށް މިނިސްޓްރީ އޮފް އެންވައިރަންމަންޓް އެންޑް އެނާރޖީއިން އިޢުލާންކުރައްވައިފިއެވެ.  ޑިޒައިންގެ އިތުރުން، ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރުމަށް ކޮންސަލްޓަންސީގެ ޚިދުމަތްދޭނެ ފަރާތެއް ހޯއްދެވުމަށްވެސް އިއުލާންކުރައްވާފައިވެއެވެ. މިއީ، މާލެ އާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅާލައްވައި، ޒަމާނީ ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް އެހީތެރިވެދެއްވުމަށް ހިންގަވާ ޕްރޮޖެކްޓެކެވެ. ހުޅުލެއާއި މާލެއާ ދެމެދު އަޅުއްވާ ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު، މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ކޭބަލްއަކުން ގުޅާލެއްވުމުން ކަރަންޓުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ސްޓެލްކޯއިންވެސް ވަނީ މާލެ ސަރަޙައްދުގެ ކަރަންޓުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ހުޅުމާލޭގައި ބޮޑު މަޝްރޫއެއް ހިންގަން ނިންމާފައެވެ. އެގޮތުން 50 މެގަވޮޓްގެ ޕަވާ ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ސްޓެލްކޯއިން ދަނީ ކުރަމުންނެވެ. މީގެ އިތުރުން މާލޭގައި ބޭނުންކުރާ ކަރަންޓްގެ މިންވަރު އިތުރުވާތީ، ކެޕޭސިޓީ އިތުރުކުރުމަށް އަށް މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސް، އަންނަ އަހަރު ކަރަންޓް ދިނުމަށްވެސް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.