ޚަބަރު

ސީމެގުން ކޮންމެ ފިޔަވަޅެއް އެޅިޔަސް ބަލައިގަންނާނަން- ރައީސް


ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް ސީމެގުން ރާއްޖެއާމެދު ކޮންމެ ފިޔަވަޅެއް އެޅުއްވިނަމަވެސް ބަލައިގަންނާވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އއ. އުކުޅަހުގެ ސާފު ބޯފެން ލިބިދެއްވުން އިފްތިތާޙުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސީމެގުން ރާއްޖެއާމެދު މިހާތަނަށް ފިޔަވަޅު އަޅާފައިވަނީ ރާއްޖޭގެ ބަޔަކު ބުނެ ކިޔައިގެންކަމަށެވެ. މިކަމުގެ ސަބަބުން ހުރިހާ ގެއްލުމަކާވެސް ކުރިމަތިލަންޖެހޭނީ ދިވެހި ރައްޔިތުންކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެއަށް އެހީދޭ ޖަމާޢަތްތަކުގެ އެހީ ކެނޑިގެންގޮސް، އެހެނިހެން ފިޔަވަޅުއެޅުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ މުޅި ދައުލަތަށް އަދަބުލިބެންޖެހޭ ކަމެއް ނޫންކަމަށެވެ. ރާއްޖޭގެ ދުސްތޫރީ ނިޒާމްގެ ތެރެއިން އަޅާ ފިޔަވަޅުތަކަށް ބޭރު ޤައުމުތަކުން ފާޑުކިޔަސް ދުސްތޫރުގެ ބާރު ހުރިހާ ތަނެއްގައިވެސް ހިނގާނެ ކަމަށާއި، ޤައުމު ހަލާކުގެތެރެއަށް ވައްޓަލުމަށް ބަޔަކު ކުރާ މަސައްކަތަށް ޝަރުޢީ މަރުޙަލާގެ ތެރެއިން ޙުކުމްތަކެއް އައުމަކީ ރައީސްއަކަށް ހުންނަވާ ބޭފުޅަކު ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއާމެދު ފިޔަވަޅެއް އެޅުމުގެ ކުރިން ރާއްޖޭގެ މުއައްސަސާތަކުން ކަންތައް ކުރަމުން އަންނަ ގޮތް ކޮމަންވެލްތުން ބަލަންޖެހޭނެ ކަމަށާއި، އެބޭފުޅުން މިނެކިރަންޖެހޭނީ އިސްލާމީ މުޖުތަމަޢުގައި ކަންކުރާ މިންގަނޑުންކަމަށް ރައީސް ވިދާޅުވިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމަނާފައި އޮތް ދުވަސްވަރު ރާއްޖެއަށް ލިބެމުންދިޔަ ގެއްލުންތަކަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަން ފެށުނީ ޞައްޙަކަމުގެ ތެރެއިންތޯ ބެލުމަށްޓަކައި ކޮމަންވެލްތުން ބޭނުންވާ ދިރާސާތައް ކުރުމަށް އަށްމަސް ދުވަހުގެ މުއްދަތެއް ހޭދަވިކަމަށް ވިދާޅުވިއެވެ. އަދި އެ އަށްމަސްދުވަހު ރާއްޖޭގެ ބޭންކުތަކަށް އިތުރު ފައިސާއެއް ބޭރުގެ ބޭންކްތަކުން ނުދޭ ކަމަށާއި، އިންވެސްޓަރުން ނާންނަކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ އެ އަށްމަސް ދުވަހަކީ ހަނަފަސް ހަރީފް މޫސުމުގެ ދުވަސްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިއަދުވެސް ތަކުރާރުކުރެއްވިއެވެ.