ޚަބަރު

ކުނި އެތެރެކުރެވޭ ގޮތަށް އޮތް މާއްދާ އުވާލަން އޭޖީއަށް ހުށައަޅައިފި


ރާއްޖެއަށް ކުނި އެތެރެވޭގޮތަށް ޤާނޫނުގައި އޮތް އޮތުން ބަދަލުކުރުމަށް، ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވާފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޗް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ވެމްކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާފައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނި މެނޭޖުކުރުމުގެ ޤާނޫނެއް އެކުލަވާލާ ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މިއީ ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ވަކި ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް މަގުފަހިކުރުމަށް އެކުލަވާލި ޤާނޫނެކެވެ. ޤާނޫނުގައި ކުނި މެނޭޖްގެ ކުރުމުގެ ޒިންމާތައް ބެހިފައިވާގޮތާއި، އަތޮޅު އަދި ރަށު ފެންވަރުގައި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި ކުންޏަކީ މަންފާ ލިބޭނެ ކަމަކަށް ހެދުމަށް މަސައްކަތްކުރުމުގެ ޢަމާޒުވެސް މި ޤާނޫނުގައި ހިމެނެއެވެ.

ނަމަވެސް ޤާނޫނު ފާސްވެގެން އައިއިރު ޢާންމުން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެވެސް އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، މަޝްރޫޢުތައް ހިންގުމުގެ ބޭނުމަށް ރާއްޖެއަށް ކުނި އެތެރެކުރެވޭގޮތަށް އޮތް މާއްދާއެވެ. މި މާއްދާގައި ބުނެފައިވަނީ، ކުނިން ހަކަތަ އުފެއްދުންފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް، ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ދެވޭނެކަމަށެވެ.

ކުނި އެތެރެކުރުން ކަންބޮޑުވުމެއް

މިކަމާއި މެދު ރައްޔިތުންނާއި، މިނިސްޓްރީގެ ކަންބޮޑުވުން އޮތުމާއެކު، އެ މާއްދާއާއި ގުޅިގެން އަކުލަވާލަންޖެހޭ އުސޫލުތައްވެސް އެކުލަވާނުލުމަށް މިނިސްޓްރީއިން ނިންމެވިއެވެ. އަދި އެ މާއްދާ އުވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ޑިސެމްބަރު މަހުގެ ތެރޭގައިވެސް ހާމަކޮށްފައިވެއެވެ.

ވެމްކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާފައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ ކުންޏާ ބެހޭ ޤާނުނާއެކު މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފަރަށް ބޮޑަށް ފަސޭހަވެފައިވާކަމަށެވެ. ނަމަވެސް ރާއްޖެއަށް ކުނި އެތެރެކުރެވޭގޮތަށް އޮތް އޮތުމަކީ ކަންބޮޑުވާ ކަމެއްކަމަށާއި، އެ މާއްދާ އުވާލުމަށް މިހާރު ބަންޑާރަ ނާއިބުގެ އޮފީހަށް ހުށައަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޤާނޫނާއެކު، ކުނި މެނޭޖްކުރުމުގެ އުސޫލާ ޚިލާފުވާ މީހުންނަށް ފިޔަވަޅުއަޅާ ޖޫރުމަނާ ކުރުމުގެ އިޚުތިޔާރުވެސް ލިބިއްޖެ. ނަމަވެސް ކުނި ރާއްޖެއަށް އެތެރެކުރެވޭގޮތަށް އޮތް އޮތުމާމެދު ކަންބޮޑުވޭ. އެ މާއްދާ އުވާލުމަށް މިހާރު ވަނީ އޭޖީ އޮފީހަށް ހުށައަޅާފައި، ވަރަށް އަވަހަށް މި މަސައްކަތް މަޖިލީހުން ކޮށްދޭނެކަމަށް އުއްމީދުކުރަން." މިނިސްޓަރ ވިދާޅުވިއެވެ.

ކޮމިޓީން ރިޔާޢަތްކުރި ކަންކަން

ރާއްޖެއަށް ކުނި އެތެރެކުރެވޭގޮތަށް ޤާނޫނުގައި ހިމެނުމުގެ ކުރިން، އެ ބިލު ދިރާސާކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓިން ވަނީ ހަކަތަ އުފެއްދުމުގައި ގިނަ ޤައުމުތަކަކުން ކުނީގެ ބޭނުން މަންފާކުރަނިވި ގޮތެއްގައި ހިފަމުންދާކަމަށް ފާހަގަކޮށްފައެވެ. އެފަދަ މަޝްރޫޢުތަކަށް ރާއްޖެއަށް ކުނި ބޭނުންވެއްޖެ ޙާލަތެއްގައި ނުވަތަ، ބޭނުންވާ މިންވަރަށް ރާއްޖެއިން ކުނި ނުލިބިއްޖެ ހާލަތެއްގައި ރާއްޖެއަށް ކުނި އެތެރެކުރެވޭނެ ގޮތެއް އޮތުމަކީ ބޭނުންތެރިކަމަކަށް ކޮމިޓީގެ ބައެއް މެންބަރުން އޭރު ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާވާގޮތަށް ބިލުގައި ހިމަނާފައި އޮތް އޮތުން ބަދަލުކުރަން ޖެހޭކަމަށް އޭރު ކޮމިޓީން ފާހަގަކުރިއެވެ. އެހެންކަމުން ކޮމިޓީން ފާސްކުރިގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ، މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން އަދި ކަމާގުޅޭގޮތުން ހަދާ ގަވާއިދާ އެއްގޮތަށް ރާއްޖެއަށް ކުނި އެތެރެކުރެވޭގޮތަށެވެ.

ކުނިން ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫޢުތަކެއް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އައްޑޫ ސިޓީއާއި، މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ތިލަފުށީގައި ހިންގާ ބޮޑު މަޝްރޫޢުގައިވެސް ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢު ހިމެނެއެވެ. ނަމަވެސް މި މަޝްރޫޢުތަކަކީ ރާއްޖޭގައި އުފައްދާ ކުނީގެ ކެޕޭސިޓީއަށް ރިޢާޔަތްކޮށް ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ..