ތަޢުލީމު

ގުލޯނެޓް އެޑިއުކޭޝަން ފެއާރ ފަށައިފި


ގުލޯނެޓުން އިންތިޒާމުކުރާ މިއަހަރުގެ ފުރަތަމަ އެޑިޔުކޭޝަން ފެއަރ މިއަދު ފަށައިފިއެވެ. ތަފާތު ތޭރަ ޔުނިވަރސިޓީއާއެކު މިފަހަރުގެ ފެއާރ ކުރިއަށްދާނީ ނޭޝަނަލް އާރޓް ގެލަރީގައެވެ. މާދަމާ ރޭގެ ނިޔަލަށް ބާއްވާ މި ފެއަރއަށް ވަނުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާކަމަށް ގުލޯނެޓުން ބުނެއެވެ. ފާއިތުވި ނުވަ އަހަރުވެސް ބޭރުގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތައް ބައިވެރިކޮށްގެން ގުލޯނެޓް އެޑިޔުކޭޝަން ފެއަރ ވަނީ ބާއްވާފައެވެ. އަދި އަހަރަކު ދެ ފަހަރު މި ފެއަރ ބާއްވައެވެ. މިއަދު ހަވީރު ފެއަރ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރގެ ނާއިބު ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ، ގުލޯނެޓުން މި ހިންގާ ފެއަރތަކުގެ ފައިދާ ރާއްޖެއަށް ކުރަމުންދާކަމަށެވެ. އެގޮތުން މިފެއަރތަކުން ފުރުޞަތު ލިބުނު ދަރިވަރުން މިހާރު އެކި ދާއިރާތަކުން ރާއްޖެއަށް ޚިދުމަތްކުރުމުގައި ތިބިކަން ޑރ. ނަޒީރު ފާހަގަކުރެއްވިއެވެ. ގުލޯނެޓުން ބާއްވާ ފެއަރތަކުގައި ބައެއް ޚާއްސަ ފުރުޞަތުތައް ޔުނިވަރސިޓީތަކުން ވަނީ ހުޅުވާލައިފައެވެ. މިފަހަރުގެ ފެއަރގައި މަތީތަޢުލީމު ފޯރުކޮށްދޭ ތޭރަތަނަކުން ބައިވެރިވެފާވާއިރު، އެކި ދާއިރާތަކުން ފުރުޞަތުތައް ހުރިކަން ސްޓޯލްތަކުން ފާހަގަވިއެވެ. އަދި ގުލޯނެޓްގެ ފެއަރތަކުގައި ފުރުޞަތުދެނީ މުޅިންވެސް ރާއްޖޭގެ ކުލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ތަންތަންކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.