ޚަބަރު

މަހިބަދޫގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކުރައްވައިފި


އދ. މަހިބަދޫގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކުރައްވައިފިއެވެ.ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފުފެން ލިބިދޭ ނިޒާމެއް މަހިބަދޫގައި ޤާއިމުކުރެއްވުމަށް ސަރުކާރުން ހިންގެވި މަޝްރޫޢު ނިންމަވައި ފެނުގެ ޚިދުމަތް ދެއްވުން އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.މަހިބަދޫގައި ފެނުގެ ޚިދުމަތް ޤާއިމުކުރެއްވުމުގެ މަޝްރޫޢުގެ ދަށުން 35 ޓަނުގެ 2 އާރު.އޯ ޕްލާންޓް ވަނީ ބަހައްޓަވާފައެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، މިޕްލާންޓްތައް މެދުވެރިކޮށް، ދުވާލަކު ހަތްދިހަ ކިއުބިކް މީޓަރުގެ ފެން އުފެއްދޭނެކަމަށެވެ. މިޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް ހަތްސަތޭކަ ޓަނުގެ ތާނގީއެއް ވަނީ ބަހައްޓަވާފައެވެ.އަދި މަހިބަދޫގެ އެކި ހިސާބުތަކުގައި 9 ކިލޯ މީޓަރު ދިގުމިނުގެ ފެން ވިއުގައެއް ޤާއިމުކުރައްވާފައިވެއެވެ. މިމަޝްރޫޢު ނިމުނުއިރު ފެނުގެ ޒަމާނީ ވިއުގައެއް މަހިބަދޫގައި ޤާއިމުކުރައްވައި، ހަތަރުސަތޭކަ ސާޅީސްތިން ފެން މީޓަރު މަހިބަދޫގެ ގޭބިސީތަކަށާއި އެހެނިހެން ޢިމާރާތްތަކާ ގުޅައިދެއްވާފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން ފެން އުފެއްދެއްވުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރެއްވުމަށާއި، މަހިބަދޫގައި ހުރި ޤުދުރަތީ ވަޞީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރެއްވުމަށް އަމާޒުކުރައްވައިގެން މި ނިޒާމްގައި ވާރޭފެން ބޭނުންކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތުން ވާރޭފެނުގެ ސާފުކަން ޔަޤީންކުރުމަށްފަހު މިނިޒާމުގެ ތެރެއިން ބޭނުންކުރެވޭނެ ގޮތް ވަނީ ހައްދަވާފައެވެ. އަދި ވާރޭފެން ރައްކާކުރެއްވުމަށް 500 ޓަނުގެ 1 ތާނީގީ މަހިބަދޫގައި ވަނީ ބަހައްޓާފައެވެ. ފެނުގެ ޚިދުމަތް ދިނުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރެވި، މިޚިދުމަތް ތިމާވެށްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި، ޑީސެލިނޭޝަން ޕްލާންޓް ހިންގެވުމަށް ބޭނުންވާ ކަރަންޓް އުފެއްދެވުމަށް އިރުގެ އަވިން ކަރަންޓް އުފައްދާ 33 ކިލޯވޮޓްގެ ނިޒާމެއްވެސް މިމަޝްރޫޢުގެ ދަށުން ވަނީ ޤާއިމުކުރައްވާފައެވެ. އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވީ، މަހިބަދޫގައި ފެނުގެ ޚިދުމަތް ފެށުމާއެކު މިނިޒާމް ހިންގާ ބެލެހެއްޓުމާއެކު، ފެނުގެ ޚިދުމަތް ދެމުންގެންދާނީ ސްޓެލްކޯއިންކަމަށެވެ.މަހިބަދޫގައި ފެނުގެ ނިޒާމު ޤާޢިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރްމަންޓް އެންޑް އެނާރޖީއާއި ޔޫއެންޑީޕީ ގުޅިގެނެވެ. ދެހާސް ތޭރަވަނަ އަހަރު ފެށި މަހިބަދޫގައި ފެނުގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢަށް 32 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މިމަޝްރޫޢަށް ޚަރަދުކޮށްފައިވަނީ އދ.ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ދަށުން އުފައްދަވާފައިވާ އެޑަޕްޓޭޝަން ފަންޑުގެ ހިލޭ އެހީގެ ތެރެއިންނެވެ.