ޚަބަރު

ގެދޮރުވެރިޔާ ލޯނަށް ގިނަ އެޕްލިކޭޝަންތަކެއް، 170މިލިއަން ރުފިޔާ ދޫކޮށްފި


ސަރުކާރުން ދޫކުރަން ފެށި "ގެދޮރުވެރިޔާ" ލޯން ސްކީމްގެތެރެއިން މިހާތަނަށް 170މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، "ގެދޮރުވެރިޔާ" ލޯނު ސްކީމަކީ ރައްޔިތުން އެކަމަށް ވަރަށް ބޮޑަށް ބޭނުވެފައި ތިބި، ވަރަށް ކާމިޔާބު ސްކީމެއްކަމަށެވެ. މި ލޯނުގެ އެންމެ ބޮޑު މަޤުޞަދަކީ އަތޮޅުތަކުގައި ހަދަން ފަށާ ނުނިމި ހުރި ގެތައް ނިންމުމަށާއި، އަލުން ޢިމާރާތް ކުރާ ގެތަކަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިދިނުމެވެ.

މި ލޯނު ސްކީމަކީ 2021ވަނަ އަހަރުގެ ޖޫން މަހު ތަޢާރަފުކޮށް، ދޭން ފެށި ލޯނެކެވެ. މި ސްކީމް ކުރިއަށްގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީގެ ދަށުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ގެދޮރުވެރިޔާ ލޯނު ސްކީމްއަކީ ސީދާ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށް ގެންދާ މިފަދަ އެންމެ މުހިންމު މަސައްކަތްކަމަށެވެ. މިއީ ބިން ލިބިފައިވާ މީހުންގެ ތެރެއިން، މާލީ ޙާލަތު ހުރިގޮތުން ގެދޮރު އެޅުމަށް ދަތިވާ މީހުންނަށް ދޭން ފެށި ލޯނެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މި ސްކީމްގެދަށުން 500އަށްވުރެ ގިނަ މީހުން ލޯނަށް ފޯމު ހުށައެޅަފައިވާކަމަށެވެ. އަދި އޭގެތެރެއިން ގިނަ އެޕްލިކޭޝަން ބަލައިގަނެ، މިހާރު ކުރިއަށް ދަނީ ފައިސާ ދޫކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


"500އަށްވުރެ ގިނަ އެޕްލިކޭޝަން ލިބުނުއިރު، 300އާއި ގާތްކުރާ އަދަަކަށް ވަނީ ފޯމް އެޕްރޫވްކޮށްފަ. އެއީ 170 މިލިއަނަށްވުރެ ގިނަ ރުފިޔާ. މީގެތެރެއިން 250 މީހަކަށް ފައިސާ ދޫކުރުން މިހާރު ކުރިއަށްދޭ." މިނިސްޓަރ ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން ގިނަވެގެން ނެގޭނީ 7 ލައްކަ ރުފިޔާއެވެ. މި ލޯން އަނބުރާ ދެއްކުމަށް 15 އަހަރާއި 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. ލޯނުގެ ރަހުނަކަށް ނަގާނީ އިމާރާތް ކުރެވޭ ތަން އެކަންޏެވެ. އިމާރާތް ކުރުމަށްދޭ ގްރޭސް ޕީރިއަޑަކީ 12 މަހާއި 15 މަހެވެ. ގެދޮރުވެރިޔާ ލޯނު ސްކީމްއަކީ %6 އިންޓްރެސްޓް ރޭޓާއެކު ދޫކުރާ ލޯނެކެވެ.