ޚަބަރު

ތާރު ކަނޑާ މައްސަލައަށް އަސްލަމްގެ ޖަވާބު، އެއީ އެކަން ކުރާ ގޮތް!


އަމީނީ މަގުގައި ތާރު އެޅުމަށްފަހު ތާރު ކަނޑާފައި ނުވާކަމަށާއި، ކޮށްފައިވާ މަސައްކަތަކީ މަގުގައި ހުރި ޔުޓިލިޓީ ޖަންކްޝަންތަކުގެ މައްޗަށް އެޅިފައިވާ ތާރު ސާފުކުރުމުގެ މަސައްކަތްކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަމީނީ މަގުގެ މަސައްކަތްތައް ކުރިއަށްދާގޮތަށް ގުޅޭގޮތުން ސުވާލުކުރުމަށް، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ މަޖިލީހަށް ހާޟިރުކޮށްފައެވެ.

މާލޭގެ އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވާލުކޮށްގެންނެވެ. ނަމަވެސް މަސައްކަތުގެ ސްޕީޑް އަވަސްކުރުމުގެ ގޮތުން، އަމީނީ މަގުގެ ފުރަތަމަ 3 ސެގްމަންޓްގައި ތާރު ފަށަލަ އެޅުމަށް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. މި މަސައްކަތުގެދަށުން މިމަހުގެ 15ވަނަ ދުވަހު ވަނީ މަގުގައި ތާރު އަޅާފައެވެ.

ނަމަވެސް އޭގެ ފަހުން ސޯޝަލް މީޑިއާގައި ވަނީ މަގުގެ ބައެއް ހިސާބުތަކުން ތަރު ކަނޑަނީކަމަށް ބުނާ ވީޑިއޯތަކެއް އާންމުވެފައެވެ.

މިކަމާއި ގުޅިގޭގޮތުން މަޖިލީހުގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، އަމީނީ މަގުގައި ތާރު އެޅުމަށްފަހު، މަގުން ތާރު ކަނޑާފައި ނުވާކަމަށެވެ. ސޯޝަލް މީޑިއާއިން ފެނުނު މަންޒަރަކީ، ތާރުއަޅަމުންދާއިރު، މަގުގައި ހުރި ޖަންކްޝަންތައް މައްޗަށް އެޅިފައިވާ ތާރުތައް ސާފުކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެއީ ތާރުއަޅާއިގެން ހަދާ މަގުތަކުގައި މަސައްކަތް ކުރާ ގޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ތާރުއަޅާއިރު ޖަންގްޝަންތައް މަތީގައި ތުނި އެއްޗެއް އަޅާ ބާއްވާފައި، އޭގެ މަތިން ތާރު ފަށަލަ އަޅަމުންދާނީ. އޭގެ މަތިން ޕޭވަރު ދާނީ. އެއީ އެ މަސައްކަތް ކުރާ ގޮތް. ތާރު އަޅާ ނިމުން، ޖަންގްޝަންތައް މައްޗަށް ތުނި ތުނިކޮށް އެޅިފައި ހުރި ތާރުކޮޅު ނަގާނީ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، މިގޮތަށް ކުރާ މަސައްކަތްތަކުގައި ބައެއް ފަހަރު ތާރު ކަނޑަން ޖެހޭ ޙާލަތު އަދިވެސް އަންނަ ކަމަށެވެ. ނަމަވެސް އެގޮތަށް އެ ދިމާވަނީ، ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމަކަށްވުމާއެކު، އެކި ކަހަލަ މަޝްރޫޢުތަކާއި ގުޅޭ މަސައްކަތްތައް މަގު ހެދުމަށް ފަހުގައިވެސް ކުރަންޖެހޭތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޚާއްސަކޮށް އެންމެ ބޮޑަށް ކުރިމަތިވާ އެއްކަމަކީ، ޑީވޯޓަރިންއާއި ފެނުގެ ނިޒާމާއި ގުޅުންހުރި މަސައްކަތްތައް ކުރަންޖެހޭތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަމީނީ މަގު ހެދުމުގައި، ފެން ހިންދާ ނިޒާމާއި، އަދި ކޮންސްޓްރަކްޝަން ސައިޓްތަކުން ފެން ބޭރުކުރާ ޑީވޯޓަރިން ނިޒާމުވެސް ޤާއިމުކުރަމުންދާކަމަށެވެ. ޚާއްސަކޮށް ވިއްސާރަ ދުވަސްވަރު ފެން ހިންދޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޅި މަގުގައި ފެން ހިންދޭނެ ވިއުގަ އަޅާ، އެކަމަށް ބޭނުންވާ 5 ޕަމްފް ސްޓޭޝަން ޤާއިމްކުރާނެކަމަށެވެ. މިއީ ކުރިން ހުރި މިންވަރަށްވުރެ އެއް ޕަމްޕް ސްޓޭޝަން އިތުރުކޮށެވެ. އަދި ފެން ހިންދުމަށް އަޅާ ވިއުގައިގެ ހޮޅިތައްވެސް ފުޅާކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިން 150-300 މިލިމީޓަރު ފަލަމިނުގެ ހޮޅިތައް މިހާރު 312މިލިމީޓަރަށް ވަނީ ބަދަލުކޮށްފައި. އަދި ޕަމްޕް ސްޓޭޝަންގެ ހޮޅިތައްވެސް ފަލަ ހޮޅިއަށް ދަނީ ބަދަލުކުރަމުން. އަދި ފެން ޕަމްޕް ކުރެވޭ ކެޕޭސިޓީ އިތުރުކޮށް، މިހާރު 1000 ކިއުބިކް މީޓަރުގެ ފެން ބޭރުކުރެވޭނެ ނިޒާމުގެ މަސައްކަތް ދަނީ ކުރިއަށް." މިނިސްޓަރ ވިދާޅުވިއެވެ.

އާރްޑީސީއާއި ހަވާލުކޮށް އަމީނީ މަގުގެ މަގުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 30ވަނަ ދުވަހުއެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އަމީނީމަގުގެ ފުރުޣާން މިސްކިތާއި ހަމައަށް ތާރުއެޅުމުގެ މަސައްކަތް ނިމޭނެކަމަށް ސަރުކާރުން ޔަގީންކަންދެއެވެ. އަދި މިއަހަރުގެ ޖޫންގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ވިދާޅުވެއެވެ.