ޚަބަރު

10 އަހަރަށްފަހު ހިންމަފުށިން 288 ގޯތި


މާލެ އަތޮޅު ހިންމަފުށިން 10 އަހަރަށްފަހު ގޯތި ދޫކުރުމަށް އިޢުލާންކޮށްފިއެވެ. ކައުންސިލުން ހުޅުވާލާފައިވަނީ އެރަށުގެ ހިއްކި ބިމުން 288 ބަންޑާރަ ގޯތި ދޫކުރުމަށެވެ.

ކ.ހިންމަފުއްޓަކީ އާބަދީގައި 1200އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އާބާދީ އިތުރުވަމުން އަންނަ އެހެން ރަށްތަކޭ އެއްގޮތަށް ހިންމަފުއްޓަށްވެސް ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑެވެ. އެއް ގެއެއްގެ ތެރޭގައި ގިނަ އާއިލާތައް އަންނަނީ ދިރިއުޅެމުންނެވެ. ހިންމަފުށިން އެންމެ ފަހުން ގޯތި ދޫކުރީ 2013ވަނަ އަހަރުއެވެ. ނަމަވެސް އެ އަރަހަރުވެސް ދޫކޮށްފައިވަނީ 38 ގޯއްޗެވެ.

2015ވަނަ އަހަރު ވަނީ، ހިންމަފުށީގެ ބިން ހިއްކާ ރަށަށް ބިން އިތުރުކޮށްފައެވެ. އެއީ 21.6 ހެކްޓަރުގެ ބިމެވެ. ހިއްކި ސަރަޙައްދުން 2018 އަދި 2019ވަނަ އަހަރުވެސް ބިންދޫކުރުމަށް ހުޅުވާލިއެވެެ. ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ކުރިން ބިން ދޫކުރުމަށް ހުޅުވާލި ދެ ފުރުޞަތުގައި ޝަރުތު ހަމަވާ 450އަށްވުރެ ގިނަ މީހުން ކުރިމަތިލިކަމަށެވެ. ނަމަވެސް އެބުރުގައި ގޯތި ދޫކުރުން ކެންސަލްކޮށް، އެކި ސަބަބުތަކާހުރެ މިހާތަނަށްވެސް ރަށުން ބިން ދޫކުރެވިފައިނުވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރަށުގެ ހިއްކި ސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާ، ގޯތި ދޫކުރުމުގެ އުސޫލުތައް ކަނޑައަޅާ ރަށުން އަލުން ބިން ދޫކުރުމަށް މިިހާރު ވަނީ ހުޅުވާލާފައެވެ. ކައުންސިލުން އިޢުލާންކޮށްފައިވަނީ އެރަށުގެ ހިއްކި ސަރަޙައްދުން 288 ގޯތި ދޫކުރުމަށެވެ. އެއީ 1600 އަކަފޫޓުގެ ބިންތަކެވެ.

ކައުންސިލުން ވަނީ މިމަހުގެ 26އިން ފެށިގެން، އަންނަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށައެޅުމަށް ހުޅުވާލާފައެވެ. ފޯމު ބަލައިގަންނާނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 10:00އިން 13:00އަށް އަދި ރޭގަނޑު 21:00އަށް 22:00އަށް ހިންމަފުށީ ކައުންސިލް އިދާރާއިންނެވެ.

ހިންމަފުށިން ދޫކުރާ ހުރިހާ ބަންޑާރަ ގޯތިވެސް މިފަހަރު ޚާއްސަ ކުރަނީ ރަށުގެ ރައްޔިތުންނަށްކަމަށް ކައުންސިލްގެ ރައީސް ފާއިޒް ވިދާޅުވިއެވެ. މިއާއެކު ރަށުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށް ކައުންސިލުން ދެކެއެވެ.

ފާއިޒް ވިދާޅުވީ ރަށުގެ ހިއްކި ބިމުން ފުރަތަމަ ބިން މި ދޫކުރަނީ ބަންޑާރަ ގޯތީގެ ގޮތުގައި ނަމަވެސް ކުރިއަށްއޮތްތާންގައި، ބީލަމު އުސޫލުން ގޯތި ވިއްކުމުގެ ޕްލޭނެއްވެސް ގެންގުޅޭކަމަށެވެ.

މީގެއިތުރުން އިޤްތިޞާދާ ގުޅިފައިވާ މަސައްކަތްތައް ކުރުމަށް ބިން ދޫކުރާގޮތަށް ލޭންޑް ޔޫސް ޕްލޭންގައި ހިމަނާފައިވާކަމަށްވެސް ފާއިޒް ވިދާޅުވިއެވެ. އެގޮތުން އެކި ކަހަލަ ވިޔަފާރިތަކާއި، ސިނާޢީ މަސައްކަތްތަކާއި ގެސްޓްހައުސްގެ ވިޔަފާރިއަށްވެސް ރަށުން ބިން ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ހިންމަފުށީ ކައުންސިލުން ވިދާޅުވިއެވެ.