ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކައަކީ ދިވެހިންގެ ތެރޭގައި ކިޔައި އުޅޭ ވަރަށް މަޝްހޫރު ލޯބީގެ ވާހަކައެކެވެ. ދިވެހިންނަށް ދޮން ހިޔަލައާއި އަލިފުޅަކީ ރޯމިއޯ ޖޫލިއަޓް، ލައިލާ މަޖުނޫން، އަދި ޝީރީން ފަރުހާދުފަދަ ވާހަކައެކެވެ. އެ ވާހަކައަށް ފިލްމުތަކާއި ތަމްސީލްތައްވެސް ކުޅެފައި އެބަހުއްޓެވެ. އަދި ޑިޖިޓަލް މާކެޓިންގ ކެމްޕެއިންތަކުގައިވެސް މި ވާހަކައިގަައި އުޅޭ ޝަހުސިއްޔަތައް ދައްކުވައިދީފައިވެއެވެ. ނަމަވެސް މިފަހަރު ދޮން ހިޔަލައާއި އަލިފުޅުގެ ވާހަކަ ގެނެސްދެނީ ފިލްމަކުން ނޫނީ ޑްރާމާއަކުން ނޫނެވެ. އަދި ޑިޖިޓަލް ވަސީލަތެއް މެދުވެރިކޮށްވެސް ނޫނެވެ. މި ވާހަކަ މިފަހަރު ގެނެސްދެނީ ދޮން ހިޔަލައާއި އަލިފުޅުގެ ވާހަކަގައި އުޅޭ އަލިފުޅުގެ އުފަން ރަށް ދ.ހުޅުދެލިންނެވެ.
ހުޅުދެލީ އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން، ހިއްސާއިން އިސްނަގައިގެން އެރަށުގެ ބަނދަރު ސަރަހައްދުގައި ހެދި މަސް ކަނޑާ ތަނަކީ މަސްވެރިންނަށާއި މަސްކަނޑާ މީހުންނަށް ލުޔެއް ގެނެސްދިނުމަށް ބިނާކުރެވުނު ތަނެކެވެ..
އެއްފަހަރާ 8 މީހުންނަށް މަސް ކަނޑަން ތިބެވޭ ގޮތަށް ރަށުގެ ބަނދަރު ކައިރީގައި ހަދާފައިވާ މިތަން ފަރުމާކޮށްފައިވަނީ ވަރަށްވެސް ދިވެހިވަންތަގޮތަކަށެވެ. ކަނޑު ދަތުރުކުރާ ދޯންޏެއް ސިފަވާ ގޮތަށް ފަރުމާކޮށްފައިވާ މި މަސް ކަނޑާ ތަނުން ހަމައެކަނި ރަމްޒުކޮށްދެނީ ދޯންޏެއް ނޫނެވެ.
ހުޅުދެލީގައި ހަދާފައިވާ މަސްކަނޑާ ތަން ފަރުމާކޮށްފައިވަނީ މަޝްހޫރު ދޮން ހިޔަލައާއި އަލިފުޅުގެ ވާހަކައިގައި އުޅޭ ހުޅުދެލީ އަލިފުޅަށް ހުވަފެނުން ފެނުނު ދޮންހިޔަލަ ހޯދުމަށް ކުރި ދަތުރުގައި ބޭނުންކުރި އެނދެރި އޮޑި ނަމޫނާއަކަށް ބަލައިގެންނެވެ.
ހުޅުދެލީ އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން، ހިއްސާގެ ރައީސް އަހުމަދު ނަސްރު ބުނީ ރަށުގެ ރައްޔިތުންނަށް ލުއި ފަސޭހައަކަށް ހެދި މަސް ކަނޑާ ތަނުގައި ދޮން ހިޔަލައާއި އަލިފުޅުގެ ވާހަކަ ދައްކުވައިދީފައިވަނީ ރަށާއި ގުޅޭ ލޯބީގެ ތާރީހީ ބޮޑު ވާހަކައެއް އޮތްކަން ފަތުރުވެރިންނަށް އަންގައިދިނުމަށްކަމަށެވެ. ފަތުރުވެރިންގެ އިތުރުން އެރަށަށް ޒިޔާރަތްކުރާ އެހެން ރަށްރަށުގެ މެހެމާނުންނަށްވެސް ހުޅުދެލީގައި ހަދާފައިވާ "އެންދެރި އޮޑި"އަކީ ފޮޓޯ ނަގާލަން ކަމުދާނެ ބިނާއަކަށްވާނެކަމަށްވެސް ނަސްރު ބުންޏެވެ.
ލޯބީގެ ތާރީހީ ވާހަކައެއް ކިޔައިދެމުން، އިޖްތިމާއި ގޮތުން އެހީތެރިވުމަށް މި މަސްކަނޑާތަން ހެދި ހުޅުދެލީ އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން، ހިއްސާއަކީ ރަށުގައި އިޖްތިމާއި ކަންކަމާއި ކުޅިވަރު ކުރިއެރުވުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިތަން ހެދިއިރު އެރަށު ކައުންސިލާއި ހުޅުދެލި ހެލްތު ސެންޓަރާއި ރަށުގެ ބައެއް އަމިއްލަ ފަރާތްތަކުގެ އެހީ ލިބުނުކަން އެ ޖަމުއިއްޔާއިން ފާހަގަކުރެއެވެ. އެ ޖަމުއިއްޔާއިން ވަނީ މިތަނުގެ މަސައްކަތް ނިންމުމަށްފަހު، ހުޅުދެލީ ކައުންސިލާއި މިތަން ހަވާލުކޮށްފައެވެ..