ޚަބަރު

ރޯދަމަހުގެ އޮޕަރޭޝަންތައް ހަލުއިކުރުމަށް އިތުރު އުޅަނދުތަކާއެކު އެމްޕީއެލްއިން ގިނަ ތައްޔާރީތަކެއް


ރޯދަމަހު ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓުފަހަރަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ތައްޔާރުވާން ފަށައިފިއެވެ.

ކޮންމެ ރޯދަމަހަކުވެސް ރާޢްޖެއަށް އެތެރެކުރާ މުދާ އިތުރުވެއެވެ. ރޯދަމަހާއި ދިމާކޮށް މައިގަނޑު ގޮތެއްގައި އެންމެ ގިނައިން އެތެރެކުރާ މުދަލަކީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗެވެ. އެހެން މަސްތަކާއި އަޅާބަލާއިރު ރޯދަމަހު މުދާ ކްލިއަރކުރުމަށް ލިބޭ ވަގުތުވެސް ކުޑަވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޕީއެލްއިން ބުނީ މިއަހަރުގެ ރޯދަމަހުވެސް މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަންތައް ހިންގުމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން އޮޕަރޭޝަންތައް ހަލުއިކުރުމަށް އިތުރު 4 ރީޗް ސްޓެކަރ ގެނެސްފައިވާކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއްވައެވެ. މި އުޅަނދުތަކުގެ ސަބަބުން 40 ފޫޓުގެ ކޮންޓެއިނަރ ފުލް ލޯޑްގައި ލޭންޑިންގ ކްރާޕްޓްތަކަށް ލޯޑްކޮށްގެން މާލޭގެ ޕޯޓާއި ހަމައަށް ގެނެވޭނެކަމަށް އެމްޕީއެލްއިން މައުލޫމާތުދެއްވައެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތައް ހަލުއިކުރުމަށް އިތުރު އުޅަނދުތައް ގެނައުމުގެ އިތުރުން އެމްޕީއެލްއިން ދަނީ މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރަތަކުގެ ޖާގަ ބޯދުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން، މާލެއާއި ހުޅުމާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަނަތައް ހިންގަން ވަގުތީ ޝެޑްތައް ޤާއިމްކޮށްފައިވާކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

މިދިޔަ އަހަރުގެ ރޯދަމަހުވެސް ރާއްޖެއަށް އެތެރެކުރި ކާބޯތަކެތީގެ ޢަދަދު ވަނީ ފާއިތުވި ތިން އަހަރުގެ ރޯދަމަހަށްވުރެ އިތުރުވެފައެވެ. މީގެ ކުރީގެ ރޯދަ މަސްތަކުގައިވެސް ބޯޓު ބަނދަރުކުރާ ވަގުތު، މުދާ ހުސްކުރުމަށް ލޮރީފަދަ ތަކެތި ތައްޔާރަށް ބޭއްވުމުގެ އިންތިޒާމްތައް އެމްޕީއެލްއިން ވަނީ ހަމަޖައްސާފައެވެ.

އާންމު ގޮތެއްގައި ރާއްޖެ ގެންނަ މުދަލުގެ ބޮޑުބަޔަކީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗަށްވާތީ މިތަކެތި ހުސްކުރާނަމަ ހެނދުނު 9:00 ފެށިގެން ދަންވަރާއި ހަމައަށް ހުއްޓާނުލާ އެމްޕީއެލްއިން މަސައްކަތް ކުރަމުންދާނެކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

ރޯދަމަސް ނޫން މަސްތަކުގައިވެސް އެމްޕީއެލްއިން ދޭ ހިދުމަތްތައް އަވަސްކުރުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައެވެ.