ކުޅިވަރު

ޔުވެންޓަސްގެ ޑިފެންސް ފޫއަޅުވާލުމަކީ ޗެލެންޖެއް - ގާޑިއޯލާ


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅާގައި މިރޭ ޔުވެންޓަސްއާއި ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށްލައިފިނަމަ މެޗުން ބަލިވުން އެކަށީގެންވާކަމަށް ބަޔާން މިޔުނިކްގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.މިރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާއި ދެކޮޅަށް ނިކުންނައިރު ބަޔާނަށް ދިމާވެފައިވާ ހަމައެކަނި މައްސަލައަކީ ޑިފެންޑަރުންނަށް ދިމާވެފައިވާ އަނިޔާގެ މައްސަލައެވެ. ޓީމުގައި މިވަގުތު ތިބީ ފިޓު އެންމެ ދެ ސެންޓްރަލް ޑިފެންޑަރުންނެވެ. ގާޑިއޯލާ ބުނީ ބަޔާނަކީ އަމިއްލަ ދަނޑުގައި ތަފާތުމޮޅު ޓީމެއްކަމަށާއި، އަމިއްލަ ޑިފެންސްލައިނާއިމެދު ނުވިސްނާކަމަށެވެ. ގާޑިއޯލާ ބުނީ ޑިފެންސް ކުރުމުގައި މިވަގުތު ދުނިޔޭގައި އޮތް ޑިފެންސް އެންމެ މޮޅު ކުލަބަކީ ޔުވެންޓަސްކަމަށާއި، އެހެންކަމުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާކަމަށެވެ."ޔުވެންޓަސްގެ ޑިފެންސްގެ ވަރުގަދަކަން ހުރިހާ އެންމެންނަށް އިނގޭ، މި ޑިފެންސް ފޫއަޅުވާލުމަކީ އަހަރުމެންނަށް ޗެލެންޖެއް. އަމިއްލަ ދަނޑުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ" ގާޑިއޯލާ ބުންޏެވެ. އެންމެ ފަހުން ޔުވެންޓަސް އަދި ބަޔާން މިޔުނިކްވެސް މެޗަކުން ބަލިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މިރޭގެ މެޗާއި ގުޅޭގޮތުން ޔުވެންޓަސްގެ ކޯޗް މަސިމިލިއާނޯ އެލެގްރީ ބުނީ ބާޔާނަކީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭ ޓީމެއްކަމަށާއި، ބާޔާން ހުއްޓުވަން ބޭނުންވާކަމުގައިވާނަމަ މެދުތެރޭގެ ކޮންޓްރޯލް ހޯދަން ޖެހޭކަމަށެވެ. އަދި މެޗުގައި ޔުވެންޓަސްގެ މިޑްފިލްޑަރުންގެ ޒިންމާ ވަރަށް ބޮޑުވާނެކަމަށް އެލެގްރީ ބުންޏެވެ. "ގޭމް ކޮންޓްރޯލް ކޮށްގެން ކުޅޭ ޓީމެއް ބާޔާނަކީ، ޔުވެންޓަސްގެ ޑިފެންސަށްވުރެ މިޑްފިލްޑް ލައިން މިރޭގެ މެޗުގައި ވަރަށް މުހިންމު. އެމީހުން އަތުގައި ބޯޅަ ގިނަ ވަގުތު ނުބާއްވާވޭތޯ ބަލަންޖެހޭނެ މިރޭގެ މެޗުގައި." އެލެގްރީ ބުންޏެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން މި ދެޓީމް ވާދަކޮށްފައިވަނީ މީގެ 3 އަހަރު ކުރިންނެވެ. ކުއާޓަރ ފައިނަލްގެ ދެ ލެގްވެސް 2 - 0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެފަހަރު ސެމީ ފައިނަލުން ޖާގަ ހޯދީ ބަޔާން މިޔުނިކެވެ. ބަޔާން މިޔުނިކް އަދި ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅާއިގައި ވާދަކުރާ ފުރަތަމަ ލެގްގެ މެޗް ފަށާނީ ރާއްޖެގަޑިން މިރޭ 00:45 ގައެވެ.