މާލޭ މަގުމަތީގައި ސަލާމް ޖަހަން އުޅުނު ޖަޕާނު މީހާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން ރެސިޑެންޓް ވިޒާގައި ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީއެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ކަމަށް ތުހުމަތު ކުރެވިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިންވަނީ ޖަޕާނަށް ނިސްބަތްވާ ރައްޔިތަކު މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ. އޭނާ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާތީ، އޭނާއާއި ގުޅޭ މަޢުލޫމާތު ސާފުކުރުމުން އެއީ ދިވެއްސަކާއި ކައިވެނިކޮށްގެން ރެޒިޑެންޓް ވިޒާގައި ރާއްޖޭގައި ދިރިއުޅެމުންދާ މީހެއްކަން މިހާތަނަށް އެނގިފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މިއަންހެން މީހާއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ޕޯސްޓްތަކުގައިވަނީ އޭނާ ކާއެއްޗެއް ގަތުމަށް ފައިސާ ދިނުމަށް އެދޭކަމަށެވެ. އަދި އެ ބިދޭސީ މީހާ އިނދެގެން އުޅޭ މީހާގެ ފަރާތުން އެއްވެސް އެއްޗެއް ނުލިބޭކަމަށް ބުނެ ބައެއް މީހުންގެ ގާތު އެހީއަށް އެދޭކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ މިބިދޭސީ މީހާގެ ފަރާތުން ފާހަގަވެފައިވާ ކަންކަމަކީ މުޖުތަމަޢުގެ ޢާއްމު ހަމަޖެހުމާއި ރައްކާތެރިކަމާއި ގުޅޭ ކަމެއްކަމުގައިވާތީ މިމައްސަލައިގައި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފު ކަމެއް ހިމެނޭތޯ ކަށަވަރުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިމައްސަލަ އިތުރަށް ބަލަމުންދާކަމަށެވެ.